ދެކުނު ކޮރެއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ލީ ޖޭ މިއަންގް އަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އިއްޔެ ހިނގި ހާދިސާގައި އޭނަގެ ކަރަށް ވަޅިއަކުން ދިން ހަމަލާގައި ކަނދުރާގެ ވާތް ފަރާތުން އެއް އިންޗީގެ ތަނެއް ކަނޑައިގެން ދިޔަ އެވެ. އެ ހަމަލާއާ ގުޅިގެން ލީ ސާޖަރީއެއް ވެސް ހަދާފައިވާ އިރު، އޭނަގެ ޕާޓީން ބުނީ ލީމ 59، ގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
އޭނަ އަށް މީހަކު ވަޅިން ހަމަލާ ދިނީ ތަރައްގީކުރަމުން އަންނަ ގަޑިއޮކްޑޯ އެއާޕޯޓްގެ މަސައްކަތް ބައްލަވާލަވަން ކުރެއްވި ޒިޔާރަތުގެ ތެރޭގަ އެވެ. އެގޮތުން ލައިވްކޮށް މީޑިއާތަކާ ވާހަކަ ދައްކަމުން ގެންވަނިކޮށް ކުރިމަތިން މީހަކު އޮޓޯގްރާފް ދޭން އެދި ކައިރިވެ، ކުއްލިއަބަށް ޖީބުން 18 ސެންޓިމީޓަރުގެ ވަޅިން ލީ އަށް ހަމަލާ ދީފައިވެ އެވެ.
އެއާ އެކީ ކައިރިގައި ތިބި މީހުން ވަގުތުން ހަމަލާދިން މީހާ ހިފަހައްޓައި އޭނަ ފުލުހުންމާ ހަވާކުރި އެވެ. މީޑިއާތަކުން ހަމަލާ ދިނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނަ ހަމަލާދިން ވަޅި އަކީ އޮންލައިންކޮށް ގަނެގެން ގެންގުޅު އެއްޗެއް ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އުރު، ޑިމޮކްރެކްޓިކް ޕާޓީން ވަނީ ލީ އަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެފަ އެވެ.
ލީ ހަމަލާ ދިނުމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އެފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށާއި ހަމަލާދިން މީހާގެ މައްސަލަ ސީރިއަސްކޮށް ތަހުގީގުކޮށް ހައްގު އަދަބު ދެއްވާނެ ކަމަށެވެ.