ރާއްޖޭގެ "ނޮވެމްބަރު 3" އާ ގުޅުވައިގެން ހަދާ ބޮލީވުޑްގެ ފިލްމު "ދަ ބުލް" ސަލްމާން ޚާން މިހާރު ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭނަ ޕެރަޓްރޫޕާއެއްގެ ރޯލު ކުޅޭ ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ހާއްސަ ޓްރެއިނިންތަކެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. އެގޮތުން ދުވާލަކު ތިން ގަޑިއިރާއި ބައިގެ ހާއްސަ ޓްރެއިނިންތަކެއް ހަދަމުން އަންނަ އިރު ރޯލަށް ފިޓްވާން މިހާރު ހާއްސަ ޑައިޓެއް ވެސް ސަލްމާން ނަގަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ދަ ބުލް" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯގެ 2021 ގެ "ޝޭރުޝާ" ގެނެސްދިން ވިޝްނޫ ވަރުދާން އެވެ. މި ފިލްމު އަދި ރަސްމީކޮށް ދަރުމާ އިން އިއުލާން ނުކުރި ނަމަވެސް ފިލްމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
"ދަ ބުލް" ގައި ސަލްމާން ކުޅެނީ "ނޮވެމްބަރު 3" ގައި ރާއްޖެ އަށް އެހީވާން އިންޑިއާ އިން "އޮޕަރޭޝަން ކެކްޓްސް" ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި އިސްކޮށް އުޅުނު ބްރިޖޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން މާލެ އަރައި ނޮވެމްބަރު 3، 1988 ގައި މާލޭގައި ހިންގި އުދުވާނީ ހަމަލާ އަކީ ރާއްޖޭގެ މި ފަހުގެ ތާރީހެއްގައި ހިނގައ ދިޔަ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާ އެވެ. އެ އުދުވާނީގެ ހަމަލާގެ މޭސްތިރި އަކީ އުމުރަށް ޖަލަށް ލާފައި ވަނިކޮށް ދާދި ފަހުން މިނިވަންވި ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ.
ނޮވެމްބަރު 3 ގެ އުދުވާނުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ. އެ ދުވަހު ރާއްޖެ ހޯދި ކާމިޔާބީއާ ގުޅުވައިގެން ނޮވެމްބަރު 3 ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާއާ ގުޅުވައިގެން ސަލްމާން ކުޅޭ ފިލްމު "ދަ ބުލް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.