Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އަށް ދާން ޖެހިލުމެއް ނުވޭ

އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އަށް ދާން ޖެހިލުން ނުވާ ކަމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.

ނަސްރުﷲ މިހެން ވިދާޅުވެފައިމިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ސަލާހު އަލް އަރޫރީ ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ. އަލް އަރޫރީ ޝަހީދުކޮށްލީ ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ސަރަހައްދަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.

އެ ހަމަލާއާ ގުޅިގެން ނަސްރުﷲ ދެއްވި ހިތާބެއްގައި ވިދާޅުވީ އަލް އަރޫރީ ޝަހީދުކޮށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އެކަމުގައި އިޒްރޭލަށް އަދަބު ނުދީ ނުތިބޭނެ ކަމަށެވެ. އަދި އިޒްރޭލުން ލުބްނާނަށް ހަމަލާދީ އެގައުމާ ދެކޮޅަށް ހަނގުރާމަ ކުރަން ހީކޮށްފިނަމަ ހިޒްބުﷲ އިން ހައްދެއް ނެތި އިޒްރޭލާ ދެކޮޅަށް ހަމަލާތައް ދޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

"ހަނގުރާމަ އަށް ދާކަށް ޖެހިލުމެއް ނުވޭ، ބިރެއް ވެސް ނުގަނޭ،" ނަސްރުﷲ ވިދާޅުވި އެވެ.

ނަމަވެސް ނަސްރުﷲ ގެ މި ހިތާބުގައި އިޒްރޭލާ ދެކޮޅަށް ހިޒްބުﷲ ޖަމާއަތުން ހަނގުރާމަ އިއުލާންކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މާދަމާ ދެއްވާ ހިތާބެއްގައި ވާހަކަދައްކަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހަނގުރާމަ ކުރަމުން އަންނަތާ ތިން މަސް ވެގެންދިޔައިރު ވެސް ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލު ކުރެވިފައި ނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ހާސިލު ނުވާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އަދި އިޒްރޭލުން ގާޒާގައި ހިންގާ ހުރިހާ ޖަރީމާއަކަށް އެމެރިކާ އިން ވެސް ޒިންމާ ވާންޖެހޭނެ ކަމަށާއި ހަނގުރާމަ ހުއްޓުވަން އެމެރިކާ އިން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.