Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ރެއާލުން ބަލިނުވެ 18 މެޗު ހަމަކޮށްފި

ސްޕެނިޝް ލީގުގައި ރޭ 1-0 އިން މަޔޯކާ އަތުން ހޯދި މޮޅާ އެކު ރެއާލް މެޑްރިޑުން ބަލިނުވެ 18 މެޗު ހަމަކޮށްފި އެވެ.

ރެއާލް އެންމެފަހުން މެޗަކުން ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު ލީގުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 3-1 އިންނެވެ. އޭގެފަހުން ކުޅުނު 18 މެޗުގެ ތެރެއިން 14 މެޗުން ރެއާލް މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭގެ މޮޅާއެކު ރެއާލް ލީގުގެ އެއްވަނައިގައި އޮތީ 19 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޖިރޯނާ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ރެއާލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 38 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރެއާލަށް މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާ އެވެ. ލޫކަ މޮޑްރިޑް މަޔޯކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައިން ރުޑިގާ ގޯލު ކާމިޔާބު ކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އިން ވަނީ އެތްލެޓިކޯ މެޑްރިޑް 4-3 އިން ބަލިކޮށްފަ އެވެ. މި މެޗުގައި އެތްލެޓިކޯގެ ތިން ގޯލު ކާމިޔާބުކޮށްދީ އަލްވަރޯ މޮރާޓާ ވަނީ ހެޓްރިކެއް ހަދާފަ އެވެ. ޖިރޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ވަލެރީ ފެނާންޑޭޒް އާއި ސަވިއޯ އާއި ޑޭލީ ބްލިންޑްގެ އިތުރުން އިވާން މާޓިން އެވެ.