Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ރުޝްދީ އަށް ދިން ހަމަލާގެ ޝަރީއަތް ފަސްކޮށްފި

މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް މިދިޔަ އަހަރު މީހަކު ދިން ހަމަލާއާ ގުޅޭ ޝަރީއަތް އަންނަ ހަފުތާގައި ފަށަން ނިންމާފައި ވަނިކޮށް އެ ޝަރީއަތް ފަސްކޮށްފި އެެވެ.

އެމެރިކާގެ ނިއު ޔޯކްގައި ޝަރީއަތް ފަށަން ނިންމާފައި އޮތީ މި މަހުގެ 8 ގަ އެވެ.

ނަމަވެސް ޝަރީއަތް ފަސްކުރަން ނިންމީ ހަމަލައާ ގުޅޭ ގޮތުން ރުޝްދީ ލިޔުނު ފޮތް "ނައިފް: މެޑިޓޭޝަންސް އާފްޓަ އޭން އެޓެމްޓެޑް މާޑާ" މި އަހަރުގެ އެޕްރީލް 16 ގައި ނެރެން ނިންމާފައިވާތީ، ޝަރީއަތް ފެށުމުގެ ކުރިން ދިފާއީ ވަކީލުން ފޮތް ރިވިއުރަން ބޭނުންވާކަން އެންގުމާ ގުޅިގެންނެވެ.

ރުޝްދީ އަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ހާދީ މަޓާރްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ރުޝްދީ ލިޔުނު ފޮތުގައި ހަމަލާއާ ގުޅޭ ގޮތުން އިތުރު މުހިއްމު ހެކިތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ފޮތް ރިވިއުކުރަން ބޭނުންވާ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ރުޝްދީ، 76، އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ވަޅިއަކުން މަޓާރް ހަމަލާ ދިނީ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް އަރަ އެވެ.

ރުޝްދީ އަށް ހަމަލާ އުމުރުން 24 އަހަރުގެ މަޓާރް އަކީ ނިއު ޖާޒީ އަށް ނިސްބަތްވާ މީހެކެވެ. އެ ހާދިސާއާ ގުޅިގެން އޭނަ ހުރީ ހައްޔަރުކޮށްފަ އެވެ.

ރުޝްދީ އަށް ދިން ހަމަލައާ ގުޅިގެން އޭނަގެ ކަނާތު ލޯކަނުވެފައިވެ އެވެ.

ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބު އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ.