ދާފި ފަހުން އިއުލާންކުރި އެކްޓަރު ޔާޝްގެ ފިލްމު "ޓޮކްސިކް" ގެ ބަތަލާގެ ރޯލަށް ކަރީނާ ކަޕޫރް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކަންނާޑާ ފިލްމު ކަރީނާ އަށް ހުށަހަޅައި، އޭގެ ޓީމުން މިހާރު އޭނައާ އެކީ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ކަރީނާ ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އިންޑިއާގެ ދެކުނުގެ ފިލްމެއް ކަރީނާ އަށް ހުށަހެޅި އިރު، އޭނަގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން ވެސް މި އަހަރު ދެކުނުގެ ފިލްމަކުން ފެންނާނެ އެވެެ. އެއީ "އާރްއާރްއާރް" ފަދަ މަގުބޫލުތައް ފިލްމުތައް ކުޅުނު މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ" އިންނެވެ.
ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު އެ ފިލްމު މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރާނެ އެވެ.
ޔާޝް މިހާރު "ޓޮކްސިކް" އަށް ތައްޔާރުވަމުން އަންނަ އިރު، އޭނަ އަކީ "ކޭޖީއެފް" ގެ ދެ ފިލްމުން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" އަކީ ގީތޫ މޯހަންދާސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މިދިޔަ އަހަރު "ޖާނޭ ޖާ" އިން ފެނިގެން ދިޔަ ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަކިންހަމް މާޑާސް" އާއި "ދަ ކްރޫ" ގެ އިތުރުން "ސިންގަމް އެގެއިން" ހިމެނެ އެވެ.