މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރަން އަލުން މަގު ހަދާ އިރު، އެކަމަށް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާނެ އެއް މަޝްރޫއަކީ ވެސް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، މަގުތަކުގައި ފެންބޮޑުވާ މައްސަލަ އެއްކޮށް ހައްލު ކުރުމެވެ.
އެގޮތުން އަލުން މަގުތައް ހަދާ އިރު ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމު ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. މުއްތަލިބް ވިދާޅުވީ މާލެއަށް ހައްލެއް ލިބިގެން އަންނާނީ ހުރިހާ މަގުތަކެއް ހަދައި ހުރިހާ ތަނެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރެވިގެން ކަމަށެވެ.
"އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ޚަރަދުގެ ގޮތުންވެސް ވަރަށް ބޮޑު ވާނެ. އަޅުގަނޑުމެން އެސްޓިމޭޓްކޮށްފައި އޮތް ގޮތުން ސަތޭކަ މިލިއަން ޑޮލަރު ދާނެ އެ މަޝްރޫއަށް." މިނިސްޓަރު ވިދާޅުވި އެވެ.