މި އަހަރު ވަރަށް ބިޒީވާނެ ކަމަށާއި ގިނަ ޕްރޮޖެކްޓްތަކެއްގެ ޕްލޭނުގައި އެބަހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި 56 އަހަރުގެ ބަތަލާ ބުނީ މި އަހަރުގެ ފުރަތަމަ މަސައްކަތަކަށް ވާނީ ކަލާސް ޓީވީ ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ، "ޑާންސް ދިވާނޭ" ގެ އާ ސީޒަން ކަމަށެވެ. މިއީ މަދޫރީ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޝޯއެކެވެ.
ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އަދި އެހާމެ ރީތި ބަތަލާ ބުނީ ފިލްމުތަކެއްގެ އިތުރުން މި އަހަރު ވެބް ސީރީޒެއްގެ މަސައްކަތް ވެސް ޕްލޭނުގައި އެބައޮތް ކަމަށެވެ.
"އެކަމަކު އެ އެއްޗިއްސާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަން އަދި މާ އަވަސް،" މަދޫރީ ބުންޏެވެ. "ޔަގީނުން ވެސް މި އަހަރަކީ އަހަންނަށް ވަރަށް ބިޒީ އަހަރަކަށް ވާނެ. މާނަ އަކީ މި އަހަރު ވާނީ އަހަރެންގެ ވަރަށް އެކްޓިވް އަހަރަކަށޭ."
މަދޫރީ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "މަޖާ މާ" އިންނެވެ. މަދޫރީގެ ފުރަތަމަ ވެބް ސީރީޒްކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2021 ގައި ގެނެސްދިން "ދަ ފޭމް ގޭމް" އެވެ.
ހިންދީ ސިނަމާގައި 90 ގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ މަދޫރީ އަކީ އޭނަގެ ފިރިމީހާ ޑރ. ސްރީރާމް ނޭނޭއާ ގުޅިގެން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ މީހެކެވެ. އެގޮތުން ދެމަފިރިން ޕްރޮޑިއުސްކޮށްފައިވާ މަރާޓީ އާ ފިލްމު "ޕަންޗަކް" މާދަމާ ސިނަމާތަކަށް އަންނާމެ އެވެ.