ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއު ނިމިގެންދާއިރު ވީއައިއޭ އިން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް 35000 އަކަ މީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.
މީގެއިތުރުން ވީއައިއޭ ކައިރީ އޮތް ފުނަދޫގައި އެއާޕޯޓު އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާއިރު، ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޖެޓްތަކަށް ހާއްސަ ޓާމިނަލެއް ވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަން މިހާރު އެއާޕޯޓުގައި ހިނގަމުން އަންނަ މަސައްކަތްތަކާ އެކީ ފަށާނެ ކަމަށެވެ. އަދި އަމާޒަކީ ފަސް އަހަރުތެރޭ މަޝްރޫއުގެ ގިނަ މަސައްކަތްތައް ނިންމުން ކަމަށްވެސް ވިދާޅުވި އެވެ.