Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ފަހު ވަގުތު ބާސާ މޮޅުކޮށް ދިނީ ގުންޑޮގާން

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި އިލްކާއި ގުންޑޮގާން ޖެހި ގޯލުން 2-1 އިން މެޗު ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު 19 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ބާސާ ވަނީ ލީގުގެ ތިނަކަށް އަރާފަ އެވެ. ދެވަނައިގައި އޮތް ޖިރޯނާ އަދި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 48 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލަސް ޕަލްމާސް އިންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބާސާ އަށް ކުރިން ކުޅުނު މުނީރް އަލް ހަދާދީ އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ.

މި މެޗުން ބާސާ މޮޅުވި ގޯލު ގުންޑޮގާން ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ބާސާ އަށް ލިބުނީ ގުންޑޮގާން އަށް ލަސް ޕަލްމާސްގެ ޑޭލީ ސިންކްގްރަވެން ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ ގުންޑޮގާން ލީގުގައި ކާމިޔާބު ކުރި ތިންވަނަ ގޯލެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ރެއާލް ބެޓިސްއާ އެވެ.