Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

"އިންޑިއަން ޕޮލިސް ފޯސް" ގެ ޓްރެއިލާ ދައްކާލައިފި

މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މިއީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ބޮޅެކެވެ. ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްއުތުރާ ފުލުހެއްގެ ރޯލު ކުޅެފައިވާ "އިންޑިއަން ޕޮލިސް ފޯސް" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ގަ އެވެ. ހަތް އެޕިސޯޑްގެ މި ސީރީޒްގެ ކާސްޓްގައި ޝިލްޕާ ޝެޓީ، ވިވެކް އޮބެރޯއީ އީޝާ ތަވްލާރް، ނިތިން ދީރް، ޝްވޭތާ ތިވާރީ، ޝަރަދު ކެލްކަރް، މުކޭޝް ރިޝީ އަދި ކަރަންވީރް މަލްއުތުރާ ވެސް ހިމެނެ އެވެ.

މީގެ ޑައިރެކްޓަރު ރޯހިތު މިހާރު އަންނަނީ އަޖޭއާ އެކީ ހަދަމުން އަންނަ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު މި އަހަރުގެ އޮގަސްޓް 14 ގައި ގެނެސްދޭނެ އެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދިން ކޮމެޑީ ފިލްމު "ސާކަސް" އެވެ.

އޭނަގެ ކޮޕް ނިސްބަތްވާ އުފެއްދުންތަކަކީ "ސިންގަމް" އާއި ރަންވީރު ސިންގުގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.