Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

އަހަރުގެ ފުރަތަމަ ފިލްމުގެ ޕްރީމިއާ މިރޭ

މި އަހަރު ބެލުންތެރިންނަށް ދޫކޮށްލާ ފުރަތަމަ ދިވެހި ފިލްމު "މީ އިޝްގް" މިރޭ ޕްރީމިއަ ކުރަން ތައްޔާރުވެއްޖެ އެވެ.

ދިވެހި ފިލްމު ސްޓޫޑިއޯ އިން މިރޭ އޮލިމްޕަހުގައި ކުލަގަދަކޮށް ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

މާފުއްޓަށް ކުރާ ޗުއްޓީ ދަތުރެއްގައި ދިމާވާ ދެ މީހަކަށް ލޯބިވެވި، އެ ގުޅުމަށް ކުރިމަތިވާ ހާދިސާތަކެއް ދައްކުވައި ދޭނެ "މީ އިޝްގް" ގެ ލީޑް ތަރިންނަކީ މިހާރު ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މި ފިލްމަކީ މި ދެ ތަރިންގެ ޖޯޑު ބެލުންތެރިންނާ ހަމައަށް އަންނަ ދެވަނަ ފިލްމެވެ. ޑާކް ރެއިން އެންޓައިންމަންޓްގެ މިދިޔަ އަހަރުގެ "ހިނދުކޮޅެއް" ގެ ތަރިންނަކީ ވެސް ޝަރަފާއި އާޝާ އެވެ.

"މީ އިޝްގް" އަކީ ކުރިން ދެ ވެބް ސީރީޒް ގެނެސްދިން އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމަށް ފަހު ދެން އެންމެ އަވަހަށް އޮލިމްޕަށް އަންނާނީ އަންނަ މަހުގެ 1 އަށް ތާވަލުކޮށްފައިވާ އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

މި އަހަރުގެ ފިލްމީ ކަލަންޑަރު "މީ އިޝްގް" އިން ފަށާ އިރު، މިދިޔަ އަހަރަކީ 10 ފިލްމު ބެލުންތެރިންނާ ހަމައަށް އައި އަހަރެކެވެ. އެގޮތުން އެންމެ ފަހުން އޮލިމްޕަހުގައި ދެއްކި ފިލްމަކީ ރޭ ޝޯތައް ނިންމައިލި ޑާކް ރެއިންގެ "ނޮވެމްބާ" އެވެ.