މަގުބޫލު ސިލްސިލާތައް ކަމަށްވާ "ގުބޫލް ހޭ" އާއި "ނާގިން 3" ގެ ބަތަލާ ސުރްބީ ޖޯތީ މި އަހަރުގެ މާޗްގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮމްބޭ ޓައިމްސް އިން ބުނީ ސުރްބީ އާއި ލޯބިވެރިޔާ ސުމިތު ސޫރީގެ ކައިވެނީ ހަރަކާތްތައް މާޗް 4 ގައި ފަށާނެ ކަމަށާއި ކައިވެނީގެ ރަސްމީ ހަފުލާ އޮންނާނީ މާޗް 8 ގައި ކަމަށެވެ. އަދި ކައިވެނީގެ ހަފުލާ ބާއްވާނީ އުތުރު އިންޑިއާގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ވަރަށް ކުލަގަދަކޮށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ބައެއް ފިލްމުތަކާއި ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ސުރްބީ، 35، މި ވަގުތު ހުރީ ޗުއްޓީ އަށް އެމެރިކާގަ އެވެ.
އޭނަ އާންމުންގެ ތެރޭގައި މަޝްހޫރުވީ 2012-2016 އަށް ޒީޓީވީން ގެނެސްދިން "ގުބޫލް ހޭ" ގައި ކުޅުނު ސުނެހެރީ/ސެހެރް އަހުމަދު ޚާންގެ ރޯލުންނެވެ. އޭގައި ސުރްބީއާ އެކީ ބަތަލުގެ ރޯލު ކުޅުނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އެވެ.
"ގުބޫލް ހޭ' ގެ ދެވަނަ ސީޒަނެއް 2021 ގައި "ގުބޫލް ހޭ 2.0" ގެ ނަމުގައި ވެބް ސީރީޒެއްގެ ގޮތުގައި ވެސް ގެނެސްދީފައިވެ އެވެ.