Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ލަަންކާގެ އެމްބަސީއެއް ނިއު ޒީލެންޑަށް

ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ.

ސްރީ ލަންކާގެ އެމްބަސީއެއް ނިއު ޒީލެންގައި ގާއިމުކުރަން ނިންމައިފި އެވެ.

ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން އެގޮތަށް ނިންމީ ފޮރިން މިނިސްޓަރު އަލީ ސަބްރީ ކެބިނެޓަށް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު އެވެ. ނިއު ޒީލެންޑްގައި ލަންކާގެ އެމްބަސީއެއް ގާއިމުކުރަން ނިންމި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ. އެހެންވެ އެމްބަސީ ހުޅުވާނެ އިރެއް އަދި ނޭނގެ އެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ތަރުޖަމާނު ބަންޑޫލާ ގުނަވަރްދަނާ ވިދާޅުވީ އެމްބަސީއެއް ހުޅުވުމުން ލަންކާ އާއި ނިއު ޒީލެންޑާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

އޭނަ ވިދާޅުވީ ލަންކާގެ ވަަރަށް ގިނަ އަދަދެއްގެ ދަރިވަރުން ނިއު ޒީލެންޑްގައި ކިޔަވަން ތިބުމާއި ކިރު ފަދަ ތަކެތި އެ ގައުމުން ލަންކާ އަށް އެތެރެކުރާތީ އެމްބަސީއެއް ހުޅުވުމުން ވިޔަފާރީގެ މުއާމަލާމްތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ.

ނިއު ޒީލެންޑްގައ މިހާރު ހުންނަނީ ލަންކާގެ ކޮންސިއުލޭޓެކެވެ.