Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އާޒިމާގެ ކެމްޕޭނަށް ރައީސް ވިލިމާލޭގައި ދޮރުން ދޮރަށް

މާލެސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އައިޝަތް އާޒިމާގެ ކެމްޕޭނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ.

މާލެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، ހުރިހާ ކެނޑިޑޭޓުންވެސް އަންނަނީ ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން އާޒިމާގެ ކެމްޕޭން މިއަދު ވިލިމާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގައި ކެބިނެޓުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި ރައީސް މުއިއްޒުއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި ރައީސް މުއިއްޒު އަދި ނައިބުރައީސް ހުސައިން ވަނީ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ސާފުކުރައްވާފައެވެ.

މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޝުއައިބު އަލީ، ހުސައިން ވަހީދު، އާއިޝަތު އާޒިމާ ޝަކޫރު، އާދަމް އާޒިމް އަދި ސައިފް ފާތިހުއެވެ.

މާލޭގެ މޭޔަރާއި މާލެ ކައުންސިލަށް ހޮވަން ޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.