Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ރިސްކް ނުނަގައި، އާޒިމާ ހޮވައިދީ: ރައީސް

މާލެސިޓީ މޭޔަރު ކަމުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓް އައިޝަތް އާޒިމާ ހޮވައިފިނަމަ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާގެ ކެމްޕޭނަށް ވިލިމާލެއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ކައުންސިލަރުންނާއި މޭޔަރުން މެދުވެރިކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކުރިއަށް ދިއުމަކީ ސަރުކާރުން ބޭނުުންވާ ގޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލެ ރައްޔިތުން ބޭނުންވާ ކަންކަން ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަވެ، ސަރުކާރުގެ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި ވަނިކޮށް، މޭޔަރަކަށް ސަރުކާރު ފިކުރުގައި ނޫން ޕާޓީއެއްގެ ކެންޑިޑޭޓެއް ހޮވައިފިނަމަ، މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެބޭފުޅަކު ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭންގޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެމްޑީޕީން ކަންކަން ކުރާގޮތް މިހާރުވެސް ފެންނަމުންދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެ ރިސްކު ނުނެގުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އާޒިމާ މޭޔަރު ކަމަށް ހޮވައިދެއްވުމުން ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭގޮތަށް ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.

މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޝުއައިބު އަލީ، ހުސައިން ވަހީދު، އާއިޝަތު އާޒިމާ ޝަކޫރު، އާދަމް އާޒިމް އަދި ސައިފް ފާތިހުއެވެ.

މާލޭގެ މޭޔަރާއި މާލެ ކައުންސިލަށް ހޮވަން ޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.