Last Updated: May 17, 10:57
Friday, May 17, 2024
ޚަބަރު

ވިލިމާލޭގެ ފައިބަރު މަސައްކަތަށް ތިލަފުށިން ބިން

ވިލިމާލޭގެ ފައިބަރު މަސައްކަތަށް ހަސް މަސްދުވަހުގެ ތެރޭގައި ތިލަފުށިން ބިން ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މާލެސިޓީ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އައިޝަތް އާޒިމާގެ ކެމްޕޭނަށް ވިލިމާލެއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރުވެސް ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާނެކަން ފާހަގަ ކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ބިން ދިނުމަށް ތިލަފުށިން ސަރަހައްދެއް މިހާރު ކަނޑައެޅިފައިވާ ކަމަށާއި، އެ ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ފައިބަރު މަސައްކަތް ކުރުމަށް ތިލަފުށިން ޖާގަދީ، އެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.