Last Updated: May 17, 11:10
Friday, May 17, 2024
ޚަބަރު

ރާއްޖެ ކައިރިން ހަމަލާދިން ވާހަކަ ސައްހައެއް ނޫން

ރާއްޖެ ކައިރިން އިޒްރޭލުގެ ބޯޓަކަށް ހަމަލާދިން ކަމަށްބުނެ ފަތުރަނީ ސައްހަ ހަބަރެއް ނޫން ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރިން ދަތުރުކުރި އިޒްރޭލުގެ ދެ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާކަމަށްވެސް ބޭރުގެ ސޯޝަލްމީޑިއާ އެކައުންޓްތަކެއްގައި އަދި ބައެއް މީޑިއާތަކުގައިވެސް ރިޕޯޓް ކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ، މިފަދަ ހާދިސާއެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބަައެއް މައުލޫމާތާއި ފޮޓޯއަކީ މިީގެކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާ ކަމަށްވެސް އެމްއެންޑިއެފްއިން ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ ކަމެއް ރާއްޖެއާއި ކައިރިން ހިންގިކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތް ކަމަށާއި އަދި އުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ކަނޑުގެ ސަރަހައްދާއި ކައިރިން އެފަދަ ހާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ސައްހަ ޚަބަރެއް ނޫންކަމަށް ބެލެވޭ ކަމަށް އެމްއެންޑިއެފްއިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އަދިވެސް މިކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.