މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ރެއިޑް" ގެ ދެވަނަ ބައި މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިއަދު ދައްކާލައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 15 އަށެވެ. "ރެއިޑް 2" ގެ ވެސް ޑައިރެކްޓަރަކީ 2018 ގެ "ރެއިޑް" ޑައިރެކްޓްކުރި ރާޖްކުމާރު ގުޕްތާ އެވެ. މި ފިލްމަކީ އިންކަމް ޓެކްސް އަށް މަކަރު ހަދާ މީހުން އަތުލައިގަންނަން ޓެކްސް އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކު ކުރާ މަސައްކަތްތައް ދައްކުވައި ދިން ކްރައިމް ފިލްމެކެވެ.
"ރެއިޑް" ގައި އަޖޭ ކުޅެފައި ވަނީ ޓެކްސް އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރު އަމޭ ޕަޓްނައިކްގެ ރޯލެވެ. ދެވަނަ ބައިގައި ވެސް އޭނަ އެ ރޯލުން ފެނިގެންދާ އިރު، ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ފުރަތަމަ ބައިގައި އަޖޭގެ އަންހެނުންގެ ރޯލު އިލިއަނާ ޑި ކްރޫޒް ކުޅެފައިވާ އިރު، އޭގެ މުހިއްމު ރޯލެއް ސޯރަބް ޝުކްލާ ވެސް ކުޅުނެވެ.
ޖުމްލަ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި މާޗް 16، 2018 ގައި ރިލީޒްކުރި "ރެއިޑް" އަށް ބޮކްސް އޮފީހުގައި 153.62 ކްރޯޑް ރުޕީސް (18.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އަޖޭގެ ފުރަތަމަ ފިލްމަކީ އެޕްރީލް 26 އަށް ތާވަލުކޮށްފައި އޮތް "އޯރޯ މޭ ކަހާ ދަމް ތާ" އެވެ. މި އަހަރަށް ހުރި އޭނަގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ސިންގަމް އެގެއިން"، "މައިދާން" އަދި "ޝައިތާން" ހިމެނެ އެވެ.