Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

އިންތިހާބާ ދިމާކޮށް ބަންގްލަދޭޝްގައި ހަމަނުޖެހުން

މާދަމާ ބާއްވާ އާންމު އިންތިހާބާ ދިމާކޮށް ބަންގްލަދޭޝްގައި ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

ފުލުހުން ބުނީ އންތިހާބުގެ ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް މަރުކަޒުތަކާއި އެއްޗެހީގައި ރޯކުރުމާއި ފައްޅި ފަދަ ބައެއް ތަންތަނަށް ގެއްލުން ދިނުމުގެ އިތުރަށް މަގުމަތިން ވެހިކަލްތަކަށް ވެސް ގެއްލުން ދެމުންދާ ކަމަށެވެ. އިއްޔެ ވެސް ރޭލެއްގައި ރޯކޮށްލާފައިވާ އިރު، އެ ހާދިސާގައި ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މެދުތެރޭ ޑާކާގައި ރޭލުގައި ރޯކުރި މައްސަލާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީއެއް ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އިސް ލީޑަރެއް ކަމަށްވާ ނައިބުﷲ ނަބީގެ އިތުރުން ޕާޓީގެ ހަ އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވެ އެވެ.

ބަންގްލަދޭޝްގައި ވެރިކަން ކުރައްވާތާ ގިނަ އަހަރުތަކެއްވީ ޝެއިހް ހަސީނާ ހަތަރު ވަނަ ދައުރެއް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން އޮތް އިންތިހާބު ބާއްވަން ކުޑަތަންވަމުން އަންނަ އިރު، އިދިކޮޅު ބޮޑެތި ހުރިހާ ޕާޓީތަކަކުން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.

ބީއެމްޕީން ވަނީ ރައްޔިތުން ވޯޓްލާން ނުނުކުތުމަށާއި ދެ ދުވަސް ވަންދެން ހަޅުތާލު ކުރަން ގޮވާލައިފަ އެވެ.

މިކަމާ ގުޅިގެން ހަސީނާގެ ޕާޓީ، އަވާމީ ލީގުން ބުނީ އިދިކޮޅު ފަރާތްތަކުން އުޅެނީ ގައުމުގެ ހަމަޖެހުން ނަގާލައި، އާންމު ރައްޔިތުން ލައްވައި ޓެރަރިޒަމްގެ އަމަލުތައް ހިންގުވަން ކަމަށެވެ.

މާދަމާ ބާއްވާ އާންމު އިންތިހާބުގައި 27 ޕާޓީއަކުން 1،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިރު، އަމިއްލަ ގޮތުން 436 ކެންޑިޑޭޓަކު ވާދަކުރެ އެވެ. ބަންގްލަދޭޝްގައި މާދަމާ ބާއްވާ 12 ވަނަ އާންމު އިންތިހާބުގައި ވޯޓްލުމުގެ ހައްގު 119.6 މިލިއަން މީހުންނަށް ލިބިގެންވާ ކަމަށް އެ ގައުމުގެ އިންތިހާބާ ބެހޭ އިދާރާ އިން ބުންޏެވެ.