Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

މާއުނގޫދޫ ބަނދަރު މަސައްކަތް ކުރިއަށް

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެރަށުގައި އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓް ތަކެއް ސައިޓަށް ގެންދެވި، އަންލޯޑު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 59013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫޢެއް.