Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

މަސައްކަތްކުރާނީ ސަރުކާރާ އެއްކޮށް: އާޒިމް

މާލެސިޓީގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ، ސަރުކާރާ ކޯޅުމުގެ ބަދަލުގައި ސަރުކާރާ އެއްކޮށް މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ގާނޫނުއަސާސީގައި ބުނަނީ މޭޔަރުވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ މޭޔަރު ކަމަށް އިންތިހާބު ކޮށްފިނަމަ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މޭޔަރު ކަމަށް އަންނަނީ ސަރުކާރާ "ކޯޅެން" ނޫން ކަމަށާއި، މަސައްކަތް ކުރާނީ ސަރުކާރާ އެއްކޮށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މި ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ މި ސަރުކާރުން ފަށާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެ މަސައްކަތަކީ ފަސް ބިލިއަނަށް އެމްޓީސީސީއަށް ކުރެވޭނެ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއަށް 10 ބިލިއަން ހަރަދުކޮށް ފަސް ބިލިއަން އިސްރާފު ކޮށްލަނީ ކަމަށް ވިދާޅުވިއެވެ.

މާލެސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބުކުރަނީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެން މޭޔަރުގެ މަގާމު ހުސްވުމުންނެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އަމިއްލަ ގޮތުން ޝުއައިބު އަލީ، އަމިއްލަ ގޮތުން ހުސައިން ވަހީދު، ޕީއެންސީގެ ޓިކެޓުގައި އާއިޝަތު އާޒިމާ ޝަކޫރު، އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް ފާތިހުއެވެ.

މާލޭގެ މޭޔަރާއި މާލެ ކައުންސިލަށް ހޮވަން ޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.