Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

މިވެރިކަން އައީ ދޮގު ހަދާ، ދޮގު ވިއްކައިގެން: އާޒިމް

މިވެރިކަން އައީ ދޮގުތަކެއް ހަދާ ދޮގު ވިއްކައިގެން ކަމަށާއި، ރައްޔިތުން މިހާރު ތިބީ އެފުރުސަތު ދޭން ނޫން ކަމަށް މާލެސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އޭނާއާ ގުޅުވާ ދޮގުވާހަކަތަކެއް ދައްކާތީ، ދޮގު ތުހުމަތު ނުކުރުމަށް އެދިފައެވެ. އާޒިމް ވިދާޅުވީ މުޅި ޤައުމު ހަލާކުވެގެން ދަނީ ދޮގު ތުހުމަތު ކުރުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިވެރިކަން އައީ ދޮގުތަކެއް ހަދާ ދޮގު ވިއްކައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވެރިކަމަށް އައީ ދޮގު ތުހުމަތުކޮށްގެން، ވެރިކަމަށް އައީ ދޮގު ވިއްކައިގެން. ރައްޔިތުން ނުދޭނެ އިތުރަށް ދޮގު ހަދަން ފުރުސަތެއް." އާޒިމް ވިދާޅުވިއެވެ.

ދޮގު ހަދާ މީހުންނާ ދެކޮޅަށް ރައްޔިތުން މި އިންތިހާބުގައި ވޯޓު ފޮށިން ނަތީޖާ ދައްކާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބުކުރަނީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެން މޭޔަރުގެ މަގާމު ހުސްވުމުންނެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އަމިއްލަ ގޮތުން ޝުއައިބު އަލީ، އަމިއްލަ ގޮތުން ހުސައިން ވަހީދު، ޕީއެންސީގެ ޓިކެޓުގައި އާއިޝަތު އާޒިމާ ޝަކޫރު، އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް ފާތިހުއެވެ.

މާލޭގެ މޭޔަރާއި މާލެ ކައުންސިލަށް ހޮވަން ޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.