Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި

ފޮޓޯ: އާރްޑީސީ

އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފިއެވެ.

އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ނިންމާލާފައެވެ.

ތާރުއެޅުމުގެ މަސައްކަތް ނިންމާލާފައި ވީނަމަވެސް މަގު ހުޅުވާލެވޭނީ މިހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާ ކުރީކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަމީނީ މަގުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިންމާފައެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ ހަމައަށް މަގުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ކުރާއިރު، އެ މަގުގައި އެއްކޮށް ތާރުއަޅާ ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ދަނީ ހަރުކުރަމުންނެވެ.