Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

ބޭނުންވީ ޑޮކްޓަރަކަށް ވާން: ބިޕާޝާ

އެންމެ ފުރަތަމަ ބޭނުންވީ ޑޮކްޓަރަކަށްވާން ކަމަށާއި ކިޔެވުން ވެސް ދޫކޮށްލެވުނީތީ ދެރަވާ ކަމަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެވެ.

އިއްޔެ 47 އަހަރު ފުރުނު ބަތަލާ މި ވަގުތު އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރުު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޑޮކްޓަރަކަށްވުމަކީ ވަރަށް ބޮޑަށް ދެކުނު ހުވަފެނެއް ކަމަށެވެ. ނަމަވެސް ފުރާވަރު އުމުރުގައި މޮޑެލިންގެ ތެރެއަށް ވަދެވި، އޭގެ ފަހުން އެކްޓިން އަށް ނުކުތުމުން ކިޔެވުން ވެސް ހުއްޓުނީ ކަމަށް ކާމިޔާބު ފިލްމުތަކެއް ކުޅުނު ބިޕާޝާ ބުންޏެވެ.

އޭނަ ބުނީ މޮޑެލްކުރަން ފެށުނީ ކުރިން މޮޑެލްކުރި ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލްގެ ކުރީގެ އަންހެނުން މެހެރް ޖެސިއާ ދިން ލަފައެއްގެ މަތިން ކަމަށެވެ. އެގޮތުން 1996 ގައި އޭނައާ ދިމާވެ، މޮޑެލްކުރަން ހިތްވަރު ދިނުމުގެ ނަތީޖާ އަކީ ކިޔެވުން ވެސް ދޫކޮށްލުން ކަމަށް ބިޕާޝާ ބުންޏެވެ.

"ކިޔެވުން ދޫކޮށްލެވުނީތީ ފަހުން ވަރަށް ހިތާމަކުރިން. އެހެން ނޫން ނަމަ އަހަރެންވީހީ ޑޮކްޓަރަކަށް." އޭނަ ބުންޏެވެ.

ބިޕާޝާ ބޮލީވުޑަށް ނުކުތީ 2001 ގެ "އަޖްނަބީ" އިންނެވެ. އެ ފިލްމާ އެކީ އޭނަ ވިދާލައި ގިނަ ފުރުސަތައް ލިބެން ފެށި އެވެ. ބިޕާޝާ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުުތަކުގެ ތެރޭގައި "ރާޒް"، "ޖިސްމް"، "ދޫމް 2"، "ރޭސް" އަދި "ކޯޕަރޭޓް" ހިމެނެ އެވެ.

ދެހާސް ސޯޅައި އެކްޓަރު ކަރަން ސިންގް ގްރޯވާއާ ކައިވެނި ކުރި ފަހުން ބިޕާޝާ ވަނީ ބޮލީވުޑުން ގެއްލިފަ އެވެ. އޭނަ އާއި ކަރަން ރައްޓެހިވީ 2015 ގައި ރިލީޒްކުރި ބިރުވެރި ފިލްމު "އެލޯން" ގެ ސެޓުން ދިމާވެގެންނެވެ. އެ ދެ މީހުންގެ މިހާރު އަހަރެއްވީ އަންހެން ދަރިޔަކު ވެސް އެބައޮތެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ބިޕާޝާ، ތެލެގޫ، ތަމަޅަ އަދި ބެންގާލީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އޭނަ 2020 ގައި "ޑޭންޖަރަސް" ކިޔާ މިނީ ވެބް ސީރީޒަކުން ފެނިފައިވެ އެވެ. އޭގެ ފަހުން ފިލްމީ އެއްވެސް މަސައްކަތެއް ބިޕާޝާ ނުކުރެ އެވެ.