Last Updated: May 2, 10:03
Thursday, May 2, 2024
ޚަބަރު

މަޖިލިސް އިންތިހާބުގެ ތާރީހު މި ހަފުތާގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް މި ހަފުތާގައި އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކުރިން ނިންމައިގެންތިބީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާނު ކުރުމަށްކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ ފަރާތުން ސިޓީއެއް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ބްރާސްފަތި ދުވަހު މެންދުރު ލިބިފައިވާ ކަމަށާއި، އަދި އެކަމާ ގުޅިގެން މިއަދު ކޮމިޝަންގެ މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް ހަބީބް ވިދާޅުވިއެވެ.

"ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން އެމްޑީޕީއާވެސް މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑުމެންގެ ނިންމުން މި ހަފުތާގައި އިއުލާނު ކުރަން." ހަބީބް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް މި ހަފުތާގައި އިއުލާނު ކުރުމަށް ނިންމާފައިވާއިރު ހަބީބް ވިދާޅުވީ ތާރީހު ކަނޑައެޅުމުގައި އީސީން ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށެވެ. އެގޮތުން އާންމު ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތެއް ބަލާނެ ކަމަށާއި، ކެންޑިޑޭޓުންނަށް އެންމެ ފަސޭހަވާނެ ގޮތެއްވެސް ބަލާނެ ކަމަށާއި އަދި އިންތިހާބު އިންތިޒާމު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެންމެ ފަސޭހަވާނެ ގޮތެއްވެސް ބަލާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުކުރުން ކަމަށެވެ.

ވިހި ވަނަ މަޖިލީހަށް މެންބަރުުން ހޮވަން ބާއްވާ އިންތިހާބުގައި ޖުމްލަ 93 މެންބަރަކު އިންތިހާބުކުރާނެއެވެ. މެންބަރުންގެ އަދަދު އިތުރުވީ އަލަށް އިތުރުވި ހަ ދާއިރާއަކާ އެކީގައެވެ. އެއީ މާލެ އަށް ދެ ގޮނޑި، އައްޑޫ ފޭދޫ-މަަރަދޫފޭދުއަށް ގޮނޑިއެއް ބ އަދި ލ. އަތޮޅަށް ގޮނޑިއެއް، މާލެ އަތޮޅަށް ގޮނޑިއެއް އަދި ގއ. އަތޮޅަށް ގޮނޑިއެކެވެ.