ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއި އެކު އުޅެވޭނެ މަގުތައް ތަނަވަސްކޮށް ފަހިކޮށް ދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮންނަން ވާނެ ކަމަށް 2008 ވަނަ އަހަރު ތަޞްދީޤް ކުރެވުން ރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކުރެވިފައިވެ އެވެ.
އަދި މިގޮތުން ޤާއިމް ކުރެވޭ ސަލާމަތީ ޚިދުމަތްތަކަކީ ވަކިވަކި ޚިދުމަތްތަކެއްގެ ގޮތުގައި ހިންގަން ޖެހޭ ތަންތަން ކަމަށާއި، އެ ޚިދުމަތްތަކުގެ މަޞްޢޫލިއްޔަތުތަކާއި ވާޖިބްތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ވަރަށް ޞަރީޙަ އިބާރާތުން ތަފްޞީލްކޮށް ދެވިފައި އެވެ.
މިއިން އެއްވެސް ގޮތަކުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއްގެ ހައްޤުތައް ހިމާޔަތްކުރުމަށް ނަހަމަ ގޮތުގައި އެ މުވައްސަސާތައް ބޭނުންކުރުމުގެ އިޙްތިޔާރެއް ލިބިދީފައެއް ނުވެ އެވެ.
ހަމަ އެހެންމެ އެފަދަ މުވައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަށް ނަހަމަގޮތުގައި ތަނުގެ ބޭނުން ޤާނޫނާއި ހިލާފަށް ހިފުމަށް މަޖުބޫރުވިޔަ ނުދިނުމަށް ޤާނޫނީ ރައްކާތެރިކަން ވަރަށް ފުރިހަމައަށް ލިބިދީފައިވެ އެވެ.
ކަންމިހެން އޮތްއިރު ވެސް، ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް އިވިގެން މިދަނީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ޤާނޫނާއި ޚިލާފަށް ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ކޮންމެވެސް އެއްކަމެއް ކޮށްގެން އުޅޭ އަޑެވެ.
ވަކިން ޙާއްޞަކޮށް ފުލުހުންގެ ބޭނުން ސިޔާސީމަޤްޞަދުތައް ޙާޞިލްކުރުމަށް ހިފަމުންދާކަމުގެ ޝަކުވާ ބޮޑެވެ. އަދި ރާއްޖޭގެ ބައެއް މިނިވަން މުވައްސަސާތަކުންވެސް މިކަން ފާހަނގަކޮށް ވަރުވަރުގެ ބަޔާންތައް މިހާތަނަށް ނެރެފައިވާކަން ފާހަގަކުރެވެ އެވެ.
މިފަދަ ކަންތައް ތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިން ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ގ.ކެނެރީގެ މުޙައްމަދު ނަޝީދުގެ ވެރިކަންވެސް ނިމިގެން ދިޔަ ގޮތް އިހަށްދުވަހު ހިނގި ހާދިސާއެއް ފަދައިން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހަނދާން ހުންނާނެ އެވެ.
ކުރީގެ ރައިސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދިން ދުވަހާއި ޖެހެންދެން އެމަނިކްފާނުގެ ޒަޢާމަތުގައި ސަރުކާރުން ތަންފީޒް ކުރަން ބޭނުންވި ކަންކަން ތަންފީޒް ކުރުމަށް، ފުލުހުން ނުހަނު އަވަދިނެތިކަމާ އެކު ފުލުހުންގެ ދައުރު އަދާކުރުމުގައި ދެމިތިބި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެވެ.
ނަމަވެސް ފަހުން އެނގުނު ގޮތުގައި ފުލުހުންނަށް އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ޢައިރު ޤާނޫނީ އަމުރުތައް ސަރުކާރުގެ ފަރާތުން ކުރަމުން ދާތީވެ، ފުލުހުންގެ ތެރޭގައި އެކަމާއި ހިތްހަމަ ނުޖެހިފައި ތިބި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ތިބި ކަމުގައި ވެ އެވެ.
ސަރުކާރާއި ދެކޮޅަށް އެބޭފުޅުން ތެދުވަން ޖެހުނީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ދަރަޖައަށް ސިޔާސީ ބޭނުންތަކަށް ސަލާމަތީ ބާރުތައް ބޭނުން ކުރަން ފެށުމުން ކަމަށް ބައެއް މީޑިއާތަކުގައި ފުލުހުން އަމިއްލަ އަށް ވެސް ބުނެފައިވެ އެވެ.
ޢައިރު ޤާނޫނީ އަމުރަށް ކިޔަމަން ނުވުމަކީ ފުލުހުންނަށް ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ކަމަކަށް ވާއިރު، އެފަދަ އަމުރުތަކާއި ދެކޮޅަށް ފުލުހުން ތެދުވުމަކީ ޤާނޫނު ނަގަހައްޓައިދެމެހެއްޓުމަށް ފުލުހުން އަދާކުރި ޤާނޫނީ ވާޖިބެއް ކަމުގައި ޤައުމުގެ ގިނަބަޔަކު އުފަލާއި އެކު ބަލައިގަތެވެ.
ދެން ދުވަހަކުވެސް ފުލުހުންގެ ބޭނުން ސިޔާސީ ކަންކަމުގައި ނަހަމަ ގޮތުގައި ހިފުމަކީ ރާއްޖެއިން ނުފެންނާނެ ކަމެއް ކަމަށް ވެސް ވަރަށް ގިނަބަޔަކު ޔަގީން ކުރި އެވެ.
ނަމަވެސް ކަންތައް ވެގެން ދިޔައީ މުޅިން ތަފާތުކޮށެވެ. މާލޭ ސިޓީ ކައުންސިލުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް މޫނު ނިވާކޮށްގެން ތިބި ފުލުހުން ދަންވަރު ނިކުމެ ކަނޑާ ތިރިއަރުވާލި ކަމަށް އަޑު ފެތުރިގެން ދިޔައެވެ.
ރަސްމީކޮށް ފުލުހުންގެ ފަރާތުން އެކަން ކޮށްފައިވަނީ ފުލުހުންކަމަށް އެއްބަސްވެފައި ނުވިޔަސް މަންޒަރު ދުށް މީހުންނާއި، މައްސަލައާއި ގުޅިގެން ޢާންމުވެފައިވާ ބައެއް ރަސްމީ ލިޔެކިޔުންތަކަށް ބަލާލުމުން އެކަން ކޮށްފައިވަނީ ފުލުހުންކަން ގިނަ ބަޔަކަށް ޤަބޫލު ކުރެވުނެވެ.
މިހާދިސާގައި މުހިންމު ކަމެއްގެ ގޮތުގައި ފާހަނަގަ ކުރެވިގެން ދިޔައީ މާލޭ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނާއި ފެންފޯއް ރުއްތައް ކަނޑާލުމަށް ހަރަކާތްތެރިވި ފުލުހުންނާއި ދެމެދު ޢާންމުންގެ ތެރޭގައި ހިނގި ހަމަނުޖެހުންތެކެވެ.
މަންޒަރު ދުށްމީހުން ބުނެފައިވާ ގޮތުގައި މާލޭ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މޫނު ނިވާކޮށްގެން "ކަތިވަޅި" ފަދަ ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު މާލެތެރޭގައި ހަރަކާތްތެރިވާތީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރި އެވެ.
ބައެއް ހިސާބުތަކުން މޫނު ނިވާކޮށްގެން ތިބި މީހުން ފިލަން މަސައްކަތް ކުރުމުން ފުލުހުންގެ ކާރުން ޖައްސައި ސައިކަލްތައް ހުއްޓުވިއެވެ. އަދި އޭގެތެރެއިން ބައެއް މީހުން ބިޑިއަޅުވައި ވެހިކަލްތަކަށް ވެސް އެރުވި އެވެ.
ކަންތައް މިހިސާބަށް ދިއުމުގެ ކުރިން ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަކަށް މޫނު ނިވާކޮށްގެން ކަތިވަޅި ހިފައިގެން ތިބީ ފުލުހުންކަން އެނގިފައި ނުވެ އެވެ.
އެއީ ފުލުހުންކަން އެނގުމުން ދެބައި މީހުންގެ މެދުގައި ރުޅިވެރިކަމާއި އެކު ވަރުގަދަ ޒުވާބުތައް ހިނގި މަންޒަރު ޢާންމުންގެ އެތައް ބަޔަކަށް ފެނިގެން ދިޔަ އެވެ.
މިކަމުން ދޭހަވެގެން ދިޔައީ ފުލުހުންގެ ތެރެއިން އެއްބަޔަކު ނިކުމެ އެކުރި ކަމާއި ދޭތެރޭ ފުލުހުންގެ އަނެއް ބަޔަކު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު ކަމެވެ.ސަބަބު ތަކާއި ވެސް ލައިގެންނެވެ.
އެއީ ފެންފޯއް ރުއްތައް ކެނޑުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ނަމަ އެރޭ އެކަން އެކުރި ގޮތަކީ ފުލުހުންގެ ޢަމަލުތައް މަސައްކަތުގައި ހުންނަޖެހޭ ގޮތްކަމަށް ނުވީމައެވެ.
ދެން ޢާންމުންގެ ތެރެއިން އެންމެ އަޑުހަރުކޮށް އިވިގެން ދިޔައީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް "ފްރޭމްކޮށް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެ ކުރި ތުހުމަތުތަކެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބައިވެރިވެފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާރޓްމަންޓުގެ ނުވަތަ "އެސްއޯ" ފުލުހުން ކަން ނާޒިމް މައްސަލައިގެ ޝަރީޢަތުގައި ފުލުހުންގެ ތަހުގީގު ޓީމުން ދެއްކި ވާހަކަ ތަކުން އެނގިފައިވެ އެވެ.
އަދި ހަމަ އެހެންމެ ފެންފޯއް ރުއްތައް ކަނޑާލުމުގައި ވެސް ހަރަކާތްތެރިވެފައި ވަނީ ވެސް ހަމަ އެ ފުލުހުން ކަމަށް އަޑު އަރާފައިވެ
އެވެ.
ކުރީގެ މިނިސްޓަރަކީ ފުލުހުންނާއި ސިފައިންގެ ތެރޭގައި މަޤްބޫލު ބޭފުޅަކަށްވެފައި، އެމަނިކްފާނާއި މެދު ބޭއިންސާފުން ފުލުހުންގެ ތެރެއިން ބަޔަކު ޢަމަލުކޮށްފި ނަމަ ތަނުގެ ތެރޭގައި މަޞްލަޙަތު ގެއްލިގެން ދިއުމަކީ ކައިރި ކަމެކެވެ.
އެއީ ފުލުހުންގެ ތެރޭގައި ކުރިން ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު، ނުރަނގަޅު ކޮންމެ ކަމަކާއި މެދު ހިތްހަމަނުޖެހުން ހުރިކަން ފާހަނގަ ކުރެވިފައިވެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "އައްޑޫ ލައިވް" އަށް މަޢުލޫމާތު ދިން ފުލުހަކު ބުނެފައި ވަނީ ފެބްރުއަރީ 07 ވަނަ ދުވަހު ދިވެހި ފުލުހުން ވި ޤުރުބާނީއަކީ ޕޮލިސް ސިޔާސީ ކަންކަމުން މިނިވަން ކުރުމަށް ވި ޤުރުބާނީ އެއް ކަމަށާއި، އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަށް ކަންކަން ބަދަލުވެއްޖެ ކަމަށެވެ. އަދި ދުވަހަކު ވެސް ސިޔާސީ ނުވާ ވަރަށް ތަން ސިޔާސީ ވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
ވަކި ބަޔަކު ބޭނުންވާ ގޮތަށް ސަލާމަތީ ބާރުތަކުން ކަންކަން ކުރުމަކީ މިޒަމާނުގައި ދެމެހެއްޓެހެއްޓެނިވި ގޮތުގައި އެމުވައްސަސާތައް ހިންގޭނެ އުޞޫލެއް ނޫންކަން މާޒީގައި އެ މުވައްސަސާތަކުން ވަނީ ބުނެ ދީފަ އެވެ.
ކޮންމެ ވެރިކަމެއް އޮތަސް ފުލުހުންގެ ދައުރަކީ ހަމައެކަނި ވެރިކަން ކުރާ ސިޔާސީ ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުން ނޫން ކަމަށާއި މުޅި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ހިމާޔާތްކުރުން ކަމަށް ދިވެހި ފުލުހުން ޤަބޫލު ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެހެންކަމުން ހަތަރު ހާހާއި ގާތްކުރާ ޢަދަދެއްގެ ފުލުހުން މޯލްޑިވް ޕޮލިސް ސާވިސް ގައި މަސައްކަތް ކުރާއިރު، އޭގެ ތެރެއިން މަދު
ބަޔަކު ބޭނުންކޮށްގެން ސިޔާސީ މަޤްޞަދު ޙާޞިލް ކުރަމުން ދާނަމަ ބާކީ ތިބި އެތައް ސަތޭކަ ފުލުހުންގެ ހިތްހަމަނުޖެހުން ދުވަހުން ދުވަހަށް ދާނީ އިތުރުވަމުންނެވެ.
އެހެން ކަމުން މިއީ ޤައުމާއި މުޖްތަމަޢުގެ ހައްޤުގައި ވިސްނާލުން ބުއްދިވެރި ކަމެއް ކަމަށް ފެނެއެވެ.