ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކައަކަށް ޝެއިހް އަލީ ޒައިދު ރައްދު ދެއްވައިފި އެވެ.
ރާއްޖޭގައ 30 އަހަރު ވެރިކަން ކުރެއްވި މައުމޫން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
"އަދި ޢާންމުންގެ ތާއީދު ހޯދުމަށް ތިޔަ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއްވެސް ނޫން." މައުމޫން ވިދާޅުވި އެވެ.
Ehves sababakaa hure, Keerithi Quran gai sareeha nassun saabithuvaa hukumeh ge baaru kanduvaalan vakaalaath kurumakee ehves muslimaku kuraane kameh noon! Veythuve dhiyathanu Qisaas ge hukum suspend kohfai ovegen ehves kameh halluvithoa?! Insaafeh libunuthoa?! Allah ge hukumfulhu… https://t.co/hEmS8UHUqo
— Ali Zaid (@alizaid1000) January 7, 2024
މި ވާހަކައިގެ ރައްދުގައި ޒައިދު ވިދާޅުވީ ޤުރުއާނުގައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލަން ވާހަކަ ދެއްކުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ވޭތުވެ ދިޔަ ތަނުގައި ގިސާސްގެ ހުކުމް ސަސްޕެންޑްކޮށްފައި އޮވެގެން އެއްވެސް ކަމެއް ހައްލުވިތޯ؟" އޭނަ ވިދާޅުވި އެވެ. "އިންސާފު ލިބުނުތޯ؟ ﷲ ގެ ހުކުމްފުޅު ފުރިހަމަ ވާނެ. މިއީ މުސްލިމުންގެ އަގީދާ އަކީ."
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ވާހަކަ މިދިޔަ މަހުގެ ތެރޭގައި އިއުލާން ކުރުމާ ގުޅިގެން ވެސް މައުމޫން އެކަމަށް ފާޑު ވިދާޅުފައިވެ އެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މައުމޫނަށް އަމާޒުވި އެވެ.