Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އިންޑިއާގެ ތަރިން ރާއްޖެއާ "ދެކޮޅަށް" ނުކުމެއްޖެ!

ޓައިގާ ޝްރޮފް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.

ސޯޝަލް މީޑިއާގައި މިހާރު "ބޮޑު މައްސަލަގަނޑަކަށްވެފައިވާ" ރާއްޖެ އާއި އިންޑިއާގެ ޓޫރިޒަމްގެ ވާހަކަތަކާ އެކީ އިންޑިއާގެ ފިލްމީ ތަރިން ވެސް މި ބަހުސްގެ ތެރެއަށް ނުކުމެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މިކަމެއް ފެންމަތިވީ މީގެ ތިން ވަރަކަށް ދުވަސް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ބައެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ. އެ ފޮޓޯތަކުގައި ގުދުރަތީ ގޮތުން ރާއްޖެއާ ދާދި އެއްކަހަލަ ސިފަތަކެއް ލިބިގެންވާ ލަކްޝްދީޕް އިންޑިއާގެ މީހުންގެ އަތުގައި އޮއްވައި ކޮންމެހެން ޗުއްޓީ އަށް ރާއްޖެ ދާން ނުޖެހޭ ކަމަށް ބުނެ ރާއްޖެެއާ ދެކޮޅަށް އެންޓި ކެމްޕޭނެއް ފެށި އެވެ.

މީގެ ނަތީޖާއަކަށްވީ އެ ކެމްޕޭންގެ ރައްދުގައި މޯދީއަށާއި އިންޑިއާ އަށް މަލާމާތްކޮށް، މި ސަރުކާރަށް ނިސްބަތްވާ އެކި ފެންވަރުގެ މީހުން ބަސްމަގު ހުތުރުކޮށް ސޯޝަލް މީޑިއާގައި ވާހަކަތެއް ދައްކަން ފެށުމެވެ. މިކަމުގެ "ހުޅުގަނޑު ރޯވެ" މިހާރު މިއޮތީ ރާއްޖޭގެ ޓޫރިޒަމަށް ނުރައްކާ ވެދާނެ ފައްތަރެއްގަ އެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތެވެ. ރާއްޖެ ބަރޯސާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ޓޫރިސްޓުންނަށެވެ. މިދިޔަ އަހަރު ނިމުނު އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

އިންޑިއާގެ މީހުންގެ މެދުގައި ރާއްޖެ މަގުބޫލު މިންވަރަކީ އެ ގައުމުގެ އެންމެ މަޝްހޫރު ވަރަށް ގިނަ ފިލްމީ ތަރިންގެ ފެވަރިޓް ޗުއްޓީ މަންޒިލަކަށް ރާއްޖެވުމެވެ. އެގޮތުން ރިޕީޓްކޮށް އަންނަ އިންޑިއާގެ ފިލްމީ ތަރިން ވަރަށް ގިނަ އެވެ. ހާއްސަކޮށް މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނެވެ.

ބޮލީވުޑްގެ ކޮންމެ ތަރި އަކީ ސޯޝަލް މީޑިއާގައި އެތައް މިލިއަނުން ފޮލޯވަރުން ތިބޭ ބައެކެވެ. އެ މީހުން ރާއްޖެ އަށް ކުރާ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރުމުން އޭގެ އަސްލު މަންފާ އޮތީ ސީދާ ރާއްޖެއަށެވެ. ސަބަބަކީ އެ ތަރިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެ، ޕްރޮމޯޓްވާތީ އެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް އެންމެ އަވައްޓެރި ގައުމާ ދެކޮޅު ފިކުރުތަކެއް ގެންގުޅުނަސް ހަގީގަތަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެން ދިއުމުގައި އިންޑިއާގެ ހިއްސާ މިހާރު ކުޑަ ނޫން ކަމެވެ.

ކޮވިޑާ ވިދިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައިި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރު ސިނާއަތް އަލުން ކޮޅަށް ޖަހަން ކުރި މަސައްކަތުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓްތަކުން ތަފާތު ލުއި ޕެކޭޖްތައް ހަދައިގެން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ގެނެސް ރާއްޖެ ޕްރޮމޯޓްކުރަން ވެސް މަސައްކަތް ކުރިކަމެވެ. މި ވާހަކަ އޭރު އިންޑިއާގެ މީޑިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ.

ކަން މިހެން އޮއްވައި އިންޑިއާ "ދެރަކޮށްލައި" އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނަށް ހުތުރުވާ ގޮތަށް ދައްކާ ކޮންމެ ވާހަކައެއްގެ ނޭދެވޭ އަސަރު ރާއްޖެ އަށް ކުރާނެ އެވ.ެ ފިލްމީ ތަރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިހާރު ރާއްޖެއާ ގުޅޭ ގޮތުން ފާޅުކުރަމުން އަންނަ ހިޔާލުތަލަށް ބަލާ އިރު، އެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

މި ވާހަކަ މިހާތަނަށް ދެއްކި ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ސަލްމާން ޚާނާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފާއި ކަންގަނާ ރަނާވަތު ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ. ކަންތައް ދާ ގޮތުން މި ލިސްޓް އަދި ކުރިއަށް އޮތީ އެވެ. ތަރިންގެ ވާހަކަތައް ހުރި ރާގަށް ބަލާ އިރު، އެ މީހުން ދެން ރާއްޖެ ބޮއިކޮޓްފާނެ އެވެ. ތަރިން ރާއްޖެ އައުން ހުއްޓާލަން ބޮޑު ކެމްޕޭނެއް ފަށައިފި ނަމަ، އެކަމުގެ ގެއްލުން ވަރަށް ބޮޑ ވެދާނެ އެވެ.

އެހެންވެ ރާއްޖޭގެ ޓޫރިޒަމަށް މިއީ ވަރަށް ހައްސާސީ ވަގުތެކެވެ. މިކަމާ ގުޅިގެން މަޓޯޓާ ފަދަ ކުންފުނިތަކާއި އިންޑަސްްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

މި އަހަަރަކީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައި އޮތް އަހަރެކެވެ. ހަގީގަތަކީ އެ ޓާގެޓަށް އިންޑިއާއާ ނުލައި ވާސިވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމެވެ. އެހެންވެ "ސިޔާސީ ޖަޒުބާތު" ގައި ޖެހިގެން މި ސަރުކާރަށް ނިސްބަތްވާ ވެރިންނާއި ސަރުކާރަށް ތާއީދުކުރާ މީހުން މިހާރު އިންޑިއާ ދެރަކޮށްލަން ކުރާ މަސައްކަތް ހުއްޓާލަން ޖެހެ އެވެ.

ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ މައި އިގުތިސާދު ހަލާކުވާ ޒާތުގެ ކަންކަމެއް ނުކުރާނެ އެވެ.