އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ލިވަޕޫލް އަތުން 2-0 އިން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި އެވެ.
އާސެނަލް ދަނޑުގައި ލިވަޕޫލުން މި މެޗު ކުޅުނީ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިޔަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި އަނިޔާގެ ސަބަބުން ވާޖިލް ވެން ޑައިކް އާއި ޑޮމިނިކް ސޮބޯސްލާއިއާ ނުލަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި ހާފުގައި ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު ކައި ހަވެޓްޒް އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ފޮނުވާލި ހަމަލާއެއް ހުރަސްދަނޑިއަށް އަމާޒުވި އެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުން ލީޑު ނެގީ 80 ވަނަ މިނިޓްގަ އެވެ. އާނޯލްޑް ހިލޭ ޖެހުމަކުން އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނެގި ބޯޅައެއް ގޯލަށް ވަނީ އާސެނަލްގެ ޑިފެންޑަރު ޔަކޫބް ކީވިއޯ ބޮލުގައި ޖެހިފަ އެވެ. ލިވަޕޫލުން ދެވަނަ ގޯލު ލުއިސް ޑިއާޒް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކަކުންނެވެ.
އާސެނަލް އެފްއޭކަޕުން ކެޓިއިރު އެޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.