އާ އަހަރާ ދިމާކޮށް މިސްރަށް ކުރި ދަތުރުގައި ރަތް ކަނޑަށް ކުރި ޑައިވަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންގާ ބުނެފި އެވެ.
މި ޑައިވްގެ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް އޭނަ ބުނީ މިސްރަކީ ޑައިވިން އަށް ވަރަށް ޗާލު ތަނެއް ކަމަށް ވަރަށް ގިނަ ބަޔަކު އޭނަ ގާތު ކުރިން ބުނެފައިވާ ކަމަށެވެ. އަދި އެކަން އަމިއްލަ އަށް ތަޖުރިބާކުރެވުމުން އެއީ ހަގީގަތެއް ކަމަށް ސޮނާކްޝީ ބުންޏެވެ.
އޭނަގެ ޕޯސްޓްގައި ބުނެފައި ވަނީ މިހާތަނަށް އެކިއެކި ތަންތަނުގައި ކުރި ޑައިވްތަކުން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ މޫސުމީ ބަދަލުތައް ފަދަ ކަންކަމާ ހެދި ފަރުތަކުގެ މުރަކައް ހުދުވެ، ގެއްލުންވެފައިވުން ކަމަށެވެ. ނަމަވެސް މިސްރުގައި ކުރި ޑައިވް އިން އެފަދަ މަންޒަރެއް ނުފެންނަ ކަމަށާއި އެތަނުގެ ފަރުތަކު ހާލަތު ވަރަށް ރަނގަޅު ކަމަށާއި މޫދު ވަރަށް ސާފުވެފައި، ފިނި ކަމަށް ވެސް ސޮނާކްޝީ ބުންޏެވެ.
އޭނަ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ރާއްޖެ އަށް ވެސް އެންމެ ގިނައިން އަންނަ އެކެވެ. އެގޮތުން ރާއްޖެ އަށް ކުރި ދަތުރުތަކުގައި ވެސް ސޮނާކްޝީ ޑައިވިން ތަޖުރިބާކޮށްފައިވެ އެވެ.