Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ރައިސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެޤައުމަށް ވަޑައިގެންފިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިސާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.