މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
އޭނަ މި ގޮތަށް ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދިލް ގައްޔޫމް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، މަރުގެ އަބަދު ރާއްޖޭގައި ދިނުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ޤިޞާޞް ގެ ޢުޤޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާންކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ މުޚާޠަބު ކުރައްވާފައިވުމުން، އެޙުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެއެވެ. އެއި ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫނެވެ! pic.twitter.com/jCNujHb1Xm
— Ahmed Sameer (@Ahmadhsameer) January 7, 2024
އެކަމާ ގުޅުވައި ސަމީރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ޙުކުމަށް އިންކާރު ކުރާ މީހުންގެ ބުއްދިއާ މެދު ވެސް ސުވާލު އުފެދޭ ކަމަށާއި އެއީ ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫން ކަމަށެވެ.
މަރުގެ އަދަބު ދިނުމާ ދެކޮޅަށް މައުމޫން ތަކުރާރުކޮށް ވާހަކަ ދައްކަވާތީ ކުރިން ވެސް އެ މަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން މިދިޔަ މަހުގެ ތެރޭގައި އިއުލާން ކުރުމާ ގުޅިގެން ވެސް މައުމޫން އެކަމަށް ފާޑު ވިދާޅުފައިވެ އެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.