Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ

ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި އިންޑިއާއިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް، ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރަށް ފޮރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

އިންޑިއާގެ ސަފީރު މުނޫ މަހާވަރަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު 12:00 ގައެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވަނީ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބް ވެސް ހާޒިރުކޮށްފައެވެ.

ގައުމުތަކުގެ ސަފީރުން ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ. މިފަދައިން ހާޒިރުކުރުމުން އެނގިގެންދަނީ އެ މައްސަލައެއްގައި އެ ގައުމެއްގެ ހިތްހަމަނުޖެހުން އޮތް މިންވަރާއި، އެ މައްސަލައެއް ސީރިއަސްކޮށް ބަލާ މިންވަރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް ޓްވީޓު ކުރި މައްސަލައެއްގައި ތިން ޑެޕިއުޓީ މިނިސްޓަރަކުވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ އަދި ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދުއެވެ.

ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑްކޮށްފައިމިވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ކޯޅުމެއް ހިނގަމުން ދަނިކޮށެވެ.

މޯދީ އަށް މަލާތާމްކޮށް ކުރި ޓްވީޓުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ޤައުމުތަކުގެ ވެރިންނާއީ، މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމާއި އެއީ، އެ ޚިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ޚިޔާލު ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާއިން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ޖައްސަމުންދާއިރު، މިކަން ފެށުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.