Last Updated: June 8, 06:42
Monday, June 8, 2026
ރިޕޯޓް

ފަސްޓް ލޭޑީ އަމިއްލަފުޅަށް ސަޕްރައިޒްވެއްޖެ!

ފޭދޫގައި އޮތް ބައްދަލުވުމުއްގައި ޓޫރިޒަމް މިނިސްޓަރު އަދީބު ވާހަކަ ދައްކަވަނީ . ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގަދައަށް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިޔައީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން ފާޠިމަތު އިބުރާޙީމަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ދެއްވި ކާރަކާއި އަނގޮޓީއެއްގެ ވާހަކައެވެ.

ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފާޠިމަތު އިބުރާޙީމްގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަދީބު ދިން ކާރުގެ އަގަކީ 87،000 ޑޮލަރެވެ.

އަނިޔާ އާއި ދެކޮޅަށް ދިވެހިން" ޝިއާރުގެދަށުން އަލިމަސް ކާނިވަލުގައި ހުކުރު ވިލޭރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަޚްލޫފް ވިދާޅުވެފައިވަނީ މެޑަމް ފާޠިމަތު އިބްރާހީމްގެ ބީއެމް ޑަބްލިޔޫ ކާރުކޮޅަކީ އެކަމަނާއަށް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަދީބް ދެއްވި އެ ކާރުކޮޅު އެކަމަނާ ޤަބޫލުފުޅު ކުރެއްވުމަކީ އަދީބް ބޭނުންފުޅުވެވަޑައިގަންނަވާ ވަރަކަށް ކޮރަޕްޝަންގެ އަަމަލުތައް ހިންގެވުމަށް ދެއްވާފައިވާ ލައިސަންސެއް ކަމަށެވެ.

ބީއެމްޑަބްލިއު ބްރޭންޑުގެ ކާރު މުލިޔާގޭގެ ތެރޭގައި. ފޮޓޯ/އެފްބީ
ބީއެމްޑަބްލިއު ބްރޭންޑުގެ ކާރު މުލިޔާގޭގެ ތެރޭގައި. ފޮޓޯ/އެފްބީ

ސޯޝަލް މީޑިޔާގެ އިތުރުން ސޯޝަލް މީޑިޔާގައި ކާރުކޮޅާއި އަނގޮޓީގެ ވާހަކަ ދެކެވެން ފެށުމާއި އެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މިނިސްޓަރ އަދީބު ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

އަދީބު ވިދާޅުވީ އެއީ މުޅިން ދޮގު ވާހަކައެއް ކަމަށާއި އަދި އެއީ ރައީސްގެ އަނބިކަބަލުން އަމިއްލަފުޅަށް ބައްލަވައިގެންނެވި ކާރުކޮޅެއް ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ އަޅައިގަންނަ ތަންކޮޅަކަށް ފާހަގަ ވެގެން ދިޔައީ އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި ދެއްވި ކަމަށް ބުނާ އަނގޮޓީގެ ވާހަކަ އަދީބު ދައްކަވާފައި ނުވުމެވެ. ސޯޝަލް މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަނގޮޓީގެ އަގަކީ އެެއް ލައްކަ ޑޮލަރެވެ.

" މެޑަމް ފާތުން އަކީ އެބޭފުޅާ އާއިލީ ގޮތުން ވެސް ވަރަށް ތަނަވަސް ބޭފުޅެއް. އެ ބޭފުޅާ (މަހުލޫފް) އެ ވިދާޅުވާ ކާރަކީ ވެސް މެޑަމް އަމިއްލަފުޅަށް ބައްލަވައިގެންނެވި ކާރެއް. ހަމަ އެހެންމެ މެޑަމް ފާތުން އަކީ ރައީސްގެ ފަހަތުގައި ހުންނަވައި، ރިޔާސީ އިންތިހާބުގައި އަމިއްލަ ސޭވިން އިން ވަރަށް ބޮޑަށް ހަރަދު ކުރައްވާފައިވާ ބޭފުޅެއް،" އަދީބު ވިދާޅުވި އެވެ.

ފޮޓޯ ތަކުން ފެންނަ ގޮތުގައި މުލިޔާގޭގެ ތެރޭގައި ބީއެމްޑަބްލިއު ބްރޭންޑްގެ ކާރު އޮންނައިރު އެކާރުގައި ރިބަން އައްސާފައި ހުރެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އަމިއްލަފުޅަށް ކާރުކޮޅު ބައްލަވައިގެން ރިބަން އައްސައިގެން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ފަސްޓް ލޭޑީ ސަޕްރައިޒްވެ ވަޑައިގެންނެވީތޯ އެވެ؟ ނުވަތަ ކޮރަޕްޝަންގެ އަަމަލުތައް ހިންގެވުމަށް އަދީބު އަށް ލައިސަންސް ޔަގީންވީ ތޯއެވެ؟