އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންގެ ފާމްސްހައުސް ވަގަށް ބަޔަކު ވަން މައްސަލައަކާ ގުޅިގެން އެތަނުގެ ސެކިރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފި އެވެ.
މީޑިއާތަކުން ބުނީ ޕޭންވެލްގެ މި ފާސްހައުސްގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެތަނުގެ ފެންސް މަތިން ފުންމާލައި ބަޔަކު ފާމްހައުސްގެ ތެރެއަށް ވަން މައްސަލައިގައި ކަމަށެވެ. މިކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް މިކަން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީޑިއާތަކުން ބުނީ ހައްޔަރުކުރީ ޕަންޖާބަށް ނިސްބަތްވާ 23 އަހަރުގެ ދެ ޒުވާނުން ކަމަށެވެ. އެއީ އަޖޭޝް ކުމާރު ގިލާ އާއި ގުރްސެވަކް ސިންގް ސިކް ކިޔާ މީހެކެވެ. އެ މީހުން ފާމްހައުސް އަށް ވަންކަން އެތަނުގެ މެނޭޖަރު ޝަޝީކާންތު ޝަރުމާ އަށް އެނގުމާ އެކީ ވަގުތުން ސެކިއުރިޓީ ގާޑް މުހައްމަދު ހުސައިނަށް އެކަން އަންގައި، ފާމްހައުސް އަށް ވަން މީހުން އަތުލައި ގަނެ، އެ މީހުން ފުލުހުންނާ ހަވާލުކުރީ ކަމަށް މީޑިއާތަކުން ބުންޏެވެ.
މިއާ އެކީ ފާމްހައުސްގެ ސެކިއުރިޓީ ކުރިއަށް ވުރެ ބޮޑަށް ވަރުގަދަކޮށް، މިހާރު 24 ގަޑިއިރު އެތަން އެލާޓަށް ގެނެސްފައިވާ ކަމަށް ވެސް މިޑިއާތަކުން ބުންޏެވެ.
މި ފަހަކަށް އައިސް ސަލްމާން ތާކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދާތީ އޭނަގެ ސެކިއުރިޓީ މުމްބާއީގެ ފުލުހުން ވަރުގަދަކޮށްފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަށް ސަލްމާނަށް ފިސްތޯލެއް ގެންގުޅުމުގެ ހުއްދަ ވެސް މިދިޔަ އަހަރު ދީފައިވާ އިރު، ބްލެޓް ޕްރޫޕް ކާރެއް ވެސް ގަނެފައިވެ އެވެ.
ސަލްމާން، 58، ގެ ފާމްހައުސް އަކީ އޭނަ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް ނޫޅޭ ނަމަ، ވަރަށް ގިނައިން އާއިލާގެ މީހުންނާ އެކީ ވަގުތު ހޭދަކުރާ ތަނެކެވެ.