Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ފްރާންސަށް ޒުވާން އާ ބޮޑުވަޒީރެއް

ފްރާންސަށް ޒުވާން އާ ބޮޑުވަޒީރަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް މިއަދު އައްޔަންކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ގެބްރިއަލް އަޓަލް އެވެ.

ރައީސް އެމަނުއެލް މެކްރޯން އާ ބޮޑުވަޒީރަކު މި އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އުމުރުން 62 އަހަރުގެ އެލިޒަބަތު ބޯން މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުވުމުން އިއްޔެ ގުޅިގެން އޭނަގެ އިސްތިއުފާ ގަބޫލު ކުރެއްވުމަށް ފަހު އެވެ.

ގެބްރިއަލް އަކީ ފްރާންސްގެ ތާރީހުގައި ވެސް ބޮޑުވަޒީރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއަށެވެ. އޭނަ ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވި މި މަހުން ފެށިގެން ކުރިން އަދާކުރައްވަމުން ގެންދެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ސަރުކާރުގެ ތަރުޖަމާނުކަމާއި ނެޝަނަލް އެޑިއުކޭޝަން އެންޑް ޔޫތު މިނިސްޓަރުކަމާއި ޕަބްލިކް އެންޑް އެކައުންޓްސް މިނިސްޓަރުކަން ވެސް ގެބްރިއަލް ކުރައްވާފައިވެ އެވެ.

އެލިޒަބަތު ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަ ނިންމެވި އެ މަގާމާ ހަވާލުވެވަޑައިގަޔްތާ ދެ އަހަރު ވެސް ނުވަނީހެވެ.

މެކްރޯންގެ ވެރިކަމުގެ ތިން ވަނަ ދައުރު ހަމަވާން ގާތްވަމުން އަންނަ އިރު، އޭނަ ގެންދަވަނީ ޕާޓީގެ ނުފޫޒު ގަދަ ކުރެއްވުމަށް މަސައްކަތްތަލެއް ކުރައްވަމުންނެވެ. އެގޮތުން މި ހަފުތާގެ ތެރޭގައިި ކެބިނެޓަށް ވެސް ބޮޑެތި ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ފްރާންސްގެ 25 ވަނަ ރައީސްގެ މަގާމަށް މެކްރޯން އެންމެ ފުރަތަމަ ވަޑައިގެންނެވީ 2017 ގަ އެވެ.