Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

މިޑްލްސްބަރާ އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ މިޑިލްސްބަރާ އިން 1-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 23 ގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މިޑިލްސްބަރާ އަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނެ އެވެ.

މިޑިލްސްބަރާގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ޗެލްސީގެ ކޯލް ޕާމާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މެޗުގެ 37 ވަނަ މިނެޓްގައި ހޭޑެން ހެކެނީގެ ގޯލުން މިޑިލްސްބަރާ އިން ލީޑު ނެގިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ވެސް ޗެލްސީގެ ޕާމާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ޗެލްސީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާބޮޑު ނުރައްކަލެއް މިޑިލްސްބަރާގެ ގޯލަށް ކުރެވިފައެއް ނުވެ އެވެ.

ލީގު ކަޕްގެ އަނެއް ސެމީގައި ބައްދަލުކުރަނީ ލިވަޕޫލް އާއި ފުލަމް އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 26 ގަ އެވެ.