ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ނުރައްކަލުގެ ތެރެއަށް ވައްޓާލައި ރާއްޖެ އާއި އިންޑިއާ ދެމެދު މިހާރު އުފެދިފައިވާ ކޯޅުންގަނޑުގެ ފުރިހަމަ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ބޮއިކޮޓްކުރަން މިހާރު އިންޑިއާގައި ކުރިއަށް ގެންދާ ކެމްޕޭނަށް އިޝާރާތް ކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ރާއްޖެ ޓީވީގައި ވިދާޅުވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކާއި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެނެޓު މެންބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އިންޑިޔާއާ މެދު އެހާ ބޮޑު ނުތަނަވަސްކަމެއްގެ ޚިޔާލު ސޯޝަލް މީޑިއާގައި ފާޅުކުރާނީ، އެ މާހައުލު ރައީސް މުއިއްޒު އުފައްދަވާފައި އޮތުމުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުގެ އިސް މަގާމެއް ފުރާ އެންމެ މީހަކު އެމީހެއްގެ ޚިޔާލު ފާޅުކުރުމާއި، ގިނަ ބަޔަކު އެއްފަދަ ޚިޔާލެއް ފާޅުކުރެވޭނީ އެފަދަ "ޖައްސާލުމުގެ" މާހައުލެއް ސަރުކާރުގެ ތެރޭގައި އުފެދިފައި އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިކަހަލަ ޖައްސާލުމުގެ މާހައުލެއް ކްރޭޓް ވެފައި އެއަށް ޖާގަ އޮތީމާ، ޑެޕިއުޓީ މިނިސްޓަރުންތަކެއް އެހެން ބުނާނީ. އެހެން ނޫނީ ނުބުނާނެ އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތަކަށް ހުއްޓަކާ މީހަކު ނަމަ އޭނާގެ އަމިއްލަ އޮޕީނިއަންގައި އެއްޗެއް ބުނެދާނެ،" އޭނަ ވިދާޅުވި އެވެ. "އެކަމަކު ދެތިން ހަތަރު ޑެޕިއުޓީ މިނިސްޓަރުންނާއި، ވެރިކަން ކުރާ ޕާޓީގެ ސެނެޓަރުންނާއި، ބޮޑެތި އެސްއޯއީތަކުގެ ޑީއެމްޑީންނާ ގޮސް މިހެން ގޮސް އެތައް ބަޔަކު މިކަން ކުރީމާ އޭގެ މާނަ އަކީ އެއީ ސަރުކާރުގެ ޕޮލިސީއޭ."
ފައްޔާޒު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމަށް މަލާމާތްކޮށް ފުރައްސާރަ މައްސަލަ ފެންމަތިވިތާ އެތައް އިރެއް ފަހުން ސަރުކާރުން ބަޔާނެއް ނެރުނު އިރު، އެކަމަކީ އެ މައްސަލަ ފެންމަތިވިހާ އަވަހަށް އެކަމަށް ބަޔާންތައް ނެރެ، ސަރުކާރުން މައާފަށް ވެސް އެދެން ޖެހޭ ކަމެއް ކަމަށެވެ.
އޭނަ ވިދާޅުވީ ސަރުކާރުން ގައުމު ދެކެ ލޯބިވާ ނަމަ، "ތާކުން ތާކުން ނުޖެހޭ ގޮތަށް" އެއްވެސް ގައުމަކާ ޖެހިގަތުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ލަކްޝަދީޕް އަޅާކިޔައި، އިންޑިއާ އިން މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮއިޓްކުރަން ގޮވަމުންދާ އިރު، ޗައިނާ އަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރާއްޖޭގެ އެއް ވަނަ މާކެޓަކަށް ޗައިނާ ހަދައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ނަމަވެސް ސަރުކާރުގެ ވެރިންތަކެއް "އިންޑިއާއާ ޖައްސާލުމުން" އެ ގައުމު މިހާރު އޮތީ ރާއްޖެއާ ދެކޮޅަށް ވަރުގަދަ ބޮއިކޮޓް ކެމްޕޭނެއް ފަށައިފަ އެވެ.