މި މަހު އެމެޒޯމް ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ކުޅުނީ ދޮށީ ދަރިފުޅު ވިއާން ރާޖްކުމްދުރާ އަށްޓަކައި ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.
ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ 11 އަހަރުގެ ދަރިފުޅަކީ މިހާރު ބޮލީވުޑްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ވިއާން އަކީ ރޯހިތުގެ ވަރަށް ބޮޑު ފޭނެއް ކަމަށް ޝިލްޕާ ބުންޏެވެ. އެގޮތުން ރޯހިތު މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމުތަކެއް ވެސް ދަރިފުޅަށް ވަރަށް ކަމުދާ ކަމަށް ހުނަރުވެރި ބަތަލާ ބުންޏެވެ.
"އެހެންވެ ރޯހިތު އުފެއްދުމެއްގައި މަސައްކަތްކޮށްލަން ލިބުނީމަ މި ފަހަރު ބޭނުންވީ ކޮންމެހެން ވެސް ދަރިފުޅަށްޓަކައި އެ ފުރުސަތުގެ ބޭނުން ހިފަން." ފިލްމު "ބާޒީގާރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ޝިލްޕާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި "އިންޑިއަން ފޮލިސް ފޯސް" އަށް އެއްބަސްވި އަނެއް ސަބަބަކީ އޭގައި ފުލުހެއްގެ ރޯލު ކުޅެން ލިބުމެވެ. އެހެންވެ އޭގައި ކުޅުނު ފުލުސް ކެރެކްޓާ، ތާރާ ޝެޓީ އަކީ ފުލުހުންގެ ހުދުމަތުގައި އުޅޭ ހުރިހާ އަންހެނުންނާއި އެ ހިދުމަތަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް ދޭ ޓްރިބިއުޓެއް ކަމަށްވާ ޝިލްޕާ ބުންޏެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ ކުޅެން ލިބުނު ކެރެކްޓާ އާއި ސީރީޒަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ." ސީރީޒްގެ ޝޫޓިންގެ ތެރޭގައި މިދިޔަ އަހަރު ފައި ވެސް ބިންދައިގެން ދިޔަ ބަތަލާ ބުންޏެވެ. "މިއި ވަކިން ހާއްސަކޮށް ދަރިފުޅު ވިއާން އަށް ދޭ ހަދިޔާއެއް."
މި މަހުގެ 19 ގައި ސްޓްރީމްކުރަން ފަށާ "އިންޑިއަން ޕޮލިސް ފޯސް" އަކީ ޝިލްޕާގެ ފުރަތަމަ ސީރީޒް ވެސް މެ އެވެ. ހަތް އެޕިސޯޑްގެ މި ސީރީޒުން ފުލުހުންގެ ގޮތުގައި ސިދާތު މަލްއުތުރާ އާއި ވިވެކް އޮބެރޯއީ ވެސް ފެންނާނެ އެވެ.
ޝިލްޕާ، 48، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި "ސުކީ" އެވެ.