Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ޖުވެނައިލް ކޯޓްގެ ވެބްސައިޓް ހެކްކޮށްފި

ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފި އެވެ.

ވެބްސައިޓް ހެކްކޮށް އެއަށް އިންޑިއާގެ ދިދައެއް އަޕްލޯޑްކޮށްފައި ބުނެފައި ވަނީ ސައިޓް ހެކްކުރީ އިންޑިއާގެ ބައެއް ކަމަށެވެ. އަދި މިއީ އިންޑިއާ އަށް ކުޑައިމީސްކޮށް ރާއްޖޭގެ ސަރުކާރުގެ އިސްވެރިންތަކެއް ދެއްކި ވާހަކަތަކާ ގުޅިގެން ކުރި ކަމެއް ކަމަށާއި މިއީ އަދި ފެށުމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެފަދަ ކަންކަން ބަލައިނުގަންނާނެ ކަމަށާއި ރާއްޖެ އަށް އިންޑިއާ އިން ވެފައިވާ އެހީތަކުގެ މަތިން ހަނދާން ކުރުމަށް ވެސް ބުނެފައި ވެއެވެ.

އޭގައި އަދި #އެކްސްޕްލޯއިންޑިއަން އައިލޭންޑްސް#އެކްސްޕްލޯލަކްޝަދީޕް ވެސް ލިޔެފައިވެ އެވެ.

މި ފަހަކަށް އައިސް ދައުލަތުގެ ވެބްސައިޓްތަކަށް ތަފާތު ހަމަލާތައް އަމާޒުވެފައިވެ އެވެ.

މިކަމެއް ފެންމަތިވާން ފެށީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕްގައި ނަންގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ލަކްޝަދީޕާއި ރާއްޖެ އަޅާކުޔައި، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން އިންޑިއާގެ ބައެއް ގޮވައިލުމާ ގުޅިގެން މި ސަރުކާރުގެ މިނިސްޓަރަކު މޯދީއަށާއި އިންޑިއާ އަށް ފުރައްސާރަކޮށް ވާހަކަތަކެއް ދެއްކުމުންނެވެ.

އެ މައްސަލައިގައި ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރަކު ސަސްޕެންޑްކޮށްފަ އެވެ.