ރާއްޖޭގައި ވެސް ޝޯތަކެއް ދީފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑް، "ސަނަމް" ގެ ލީޑް ވޯކަލިސްޓް ސަނަމް ޕޫރީ މާދަމާ ކައިވެނި ކުރަން ހަމަޖެހިއްޖެ އެވެ.
އޭނަ އާއި ލޯބިވެރިޔާ ޒިކޮބޭނީ ޓަންގޯގެ ކައިވެނީގެ ހަފުލާ އޮންނާނީ އިންޑިއާގެ ނަގަލަންދުގައި ކަމަށާއި ކައިވެނީގެ ހަފުލާ ބާއްވާނީ ޕަންޖާބީންގެ ސަގާފަތާއި އާދަތަކާ އެއްގޮތަށް ކަމަށް މީޑިއާތަކުން ބުންޏެވެ. މާދަމާ ކައިވެނިކުރާކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެމުން ސަނަމް، 31، ބުނީ އެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިން ބައިވެރިވާނެ ކަމަށެވެ.
އަދި ކައިވެނި ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަކިޔާފައިވާ ސަނަމް ރާއްޖޭގައި ޝޯތައް ދިނީ 2015 ގަ އެވެ. އެގޮތުން މާލެ އާއި އައްޑޫގައި "ސަނަމް" ޝޯތަކެއް ދިނެވެ. އަދި ބޭންޑްގެ ލަވަތަކެއްގެ މަންޒަރުތައް އައްޑޫގައި ޝޫޓް ވެސް ކުރި އެވެ. އެގޮތުން ރާއްޖޭގެ ލަވަކިޔުންތެރިޔާ މީރާ މާޖިދާ އެކީ ވެސް ސަނަމް ކެނަރީފް ރިސޯޓްގައި ލަވައެއް ޝޫޓްކުރި އެވެ.
"ސަނަމް" އާއި އޭނަގެ ބޭންޑްގެ އެންމެ ހާއްސަ ކަމަކީ އިހުގެ ހިންދީ ލަވަތައް މި ޒަމާނަށް ފައްތައިގެން އެކަމަކު އެ ލަވަތަކުގެ އަސްލު ނުގެެއްލޭ ގޮތަށް ގެނެސްދިނުމެވެ.