Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ހައްޖު ކޯޓާ އިތުރު ކުރަން މަޝްވަރާކޮށްފި

މި އަހަަރު ރާއްޖެ އަށް ދޭ ހައްޖު ކޯޓާ އިތުރުކޮށް ދިނުމާ ގުޅޭ ގޮތުން ސައޫދީ އަރަބިއްޔާއާ އެކީ ރާއްޖެ އިން މިއަދު މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެގޮތުން ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާ ބައްދަލުކުރައްވައި ހައްކު ކޯޓާ އިތުރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.

އެ ބައްދަލުވުމުގައި ޝަހީމު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތްކޮށް، އަގުހުރި ޚިދުމަތެއް ދެމުން އަންނަކަން ފާހަގަކުރައްވައުިފަ އެވެ. އެގޮތުން ޙައްޖު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު ވެސް އަދާކުރެއްވި އެވެ.

ސައުދީގެ ހައްޖު މިނިސްޓަރާ އެކީ ބޭއްވި ބައްދަލުވުމުގައި ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް ދިއުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ވެސް ޑރ ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިއާ އަށް ފުރުޞަތު ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ހައްޖު ކޯޓާއާ ބެހޭ ގޮތުން މަޝްވަރާކުރެވުނަސް މިކަމާ ބެހޭ އިތުރު ތަފުސީލެއް މިނިސްޓަރު ޝަހީމް އަދި ނުދެއްވަ އެވެ.

ރާއްޖެ އަށް މި އަހަރު ލިބޭ ހައްޖު ކޯޓާ އެއްކޮށް ދޭން ނިންމާފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.