އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލުން 2-1 އިން ފުލަމް ބަލިކޮށް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ދެ ޓީމު ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލަށް ދެވޭނެ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ވިލިއަން ވަނީ ފުލަމް އަށް ލީޑު ނަގައިދީފަ އެވެ. އަންދްރޭސް ޕެރެއިރާ ދިން ޕާހަކުން ވިލިއަން މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ޖޯ ގޮމޭޒް ފުލަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލްގެ އެޓޭކް ވަރުގަދަކުރަން ޑާވިން ނުނޭޒް އާއި ކޯޑީ ގަކްޕޯ ކުޅެން އެރުވިއިރު، މެޗުގެ 68 ވަނަ މިނެޓްގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުލަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޖޯންސް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ފުލަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.
އޭގެ ތިން މިނެޓް ފަހުން ނުނޭޒް ދިން ޕާހަކުން ފުލަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ގަކްޕޯ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްލަން ނުނޭޒަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި އެ ދެ ހަމަލާ ވެސް މަތަކުރީ ފުލަމްގެ ކީޕަރު ބާޑް ލެނޯ އެވެ.
ލީގު ކަޕްގެ އަނެއް ސެމީގައި ބައްދަލުކުރަނީ ޗެލްސީ އާއި މިޑިލްސްވަރާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ މިޑިލްސްބަރާ އިންނެވެ.