އެތްލެޓިކޯ މެޑްރިޑް 3-5 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ އަލް އައްވާލް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗުގެ 6 ވަނަ މިނެޓްގައި މާރިއޯ ހަމޯސޯ ވަނީ އެތްލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. ހާމޯސޯ މި ގޯލު ކާމިޔާބު ކުރީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ފާލަންޑް މެންޑީގެ ގޯލުން ރެއާލުން ލީޑު ނެގި ނަމަވެސް މެޗުގެ 37 ވަނަ މިނެޓްގައި އެންޓުއާން ގްރީޒްމަން ވަނީ އެތްލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލާއެކު ގްރިޒްމަން ވެގެން ގޮސްފައިވަނީ އެތްލެޓިކޯ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އަށެވެ. ގްރިޒްމަން ވަނީ އެތްލެޓިކޯ އަށް މިހާތަނަށް 174 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ 78 ވަނަ މިނެޓްގައި އެތްލެޓިކޯ އިން ވަނީ އަލުން ލީޑު ނަގާފަ އެވެ. މި ގޯލަކީ ރެއާލްގެ ޑިފެންޑަރު ރުޑިގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލާއެކު އެތްލެޓިކޯ މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި ޑެނީ ކަވަހާލް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވާއިރު މެޗުގެ 116 ވަނަ މިނެޓްގައި ރެއާލުން އަލުން ލީޑު ނެގީ އެތްލެޓިކޯގެ ޑިފެންޑަރު ސަވިޗް އަތުން ވަތް ބައި ގޯލުންނެވެ. މި މެޗުގައި ރެއާލުން ޖެހި ފަސްވަނަ ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ބްރަހީމް ޑިއާޒް އެވެ.
މުބާރާތުގެ އަނެއް ސެމީގައި މިރޭ ބައްދަލުކުރާނީ ބާސެލޯނާ އާއި އޮސަސޫނާ އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 15 ގަ އެވެ.