Last Updated: July 23, 12:04
Thursday, July 23, 2026
ޚަބަރު

ރާއްޖެ ބޮއިކޮޓްކުރަން ފިލްމީ ޖަމާއަތަކުން ގޮވާލައިފި

އިންޑިއާގެ ފިލްމީ ޖަމާއަތަކުން ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައިފި އެވެ.

އެ ގައުމުގެ އެންމެ ދުވަސްވީ ފިލްމީ ބޮޑީ ކަމަށްވާ، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގައި ފިލްމު އުފައްދާ ފަރާތްތަތަކުން ފިލްމީ ދާއިރާއާ ގުޅުން ހުރި އެއްވެސް ހަރަކާތެއް ރާއްޖޭގައި ކުރިއަށް ނުގެންދަން ގޮވައިލާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ބުކިންސް ވެސް ހަދާފައިވާ ނަމަ އެ ބުކިންސްތައް ވެސް ކެންސަލްކުރަން އެދޭ ކަމަށެވެ.

ބަޔާނުގައި ވަނީ އިންޑިއާގެ ފިލްމީ ދާއިރާގެ އެއްވެސް ބަޔަކު ދެން ރާއްޖެ އަށް ނުދާން އެދޭ ކަމަށާއި އޭގެ ބަދަލގައި އިންޑިއާގައި ހުރި ގުދުރަތީ ރީތި ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަން އިޝްތިހާރުކޮށް ޕްރޮމޯޓްކުރަމް އެދޭ ކަމަށް ބުނެފަ އެވެ.

އެފްޑަބްލިއުއައިސީއީ އިން ބުނީ ރާއްޖެ ބޮއިކޮޓްކުރަން ގޮވައިލި ސަބަބަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމަށް ކުޑައިމީސްކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ފުރައްސާރަކޮށްފައިވާތީ ކަމަށެވެ.

އެކަމާ ގުޅިގެން އިންޑިއާގައި މިހާރު ވަރަށް ފުޅާކޮށް ދަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ކެމްޕޭންު ވެސް ކުރަމުންނެމެވެ. މިކަމެއް ފެންމަތިވީ ރާއްޖެއާ ދާދި އެއްކަހަލަ ސިފަތަކެއް ލިބިގެންވާ ލަކްޝަދީޕް ޖަޒީފާ އަށް މިދޔަ ހަފުތާގެ ތެރޭގައި ކުރެއްވި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަސްމަގު ހުތުރުކޮށް މޯދީއަށާއި އިންޑިއާ އަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިިންޑިއާ އިން ރާއްޖެ ބޮއިކޮޓްކުރަން ގޮވައިލަން ފެށުމުން ސަރުކާރުން ވަނީ ޑެޕއިުޓީން ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލަގަނޑުގެ ތެރެއިިން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ވެސް ނޭދެވޭ އަސަރު ކުރަމުންދާ އިރު، ރާއްޖެ ބޮއިކޮޓްކުރަން އިންޑިއާގެ ފިލްމީ ތަރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ގޮވައިލަމުންނެވެ. އިންޑިއާ އަކީ ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އަދި އެގައުމުގެ ވަރަށް ގިނަ ފިލްމީ ތަރިން ފަހަކަށް އައިސް ރާއްޖެ އަށް ޗުއްޓީ އަށް އާދެ އެވެ. މީގެ ތެރޭގައި ރިޕީޓްކޮށް އަންނަ މަޝްހޫރު ތަރިންތައް ގިނަ އެވެ.

ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި އެފްޑަބްލިއުއައިސީއީ އިން ނެރުނު ބަޔާނަކީ އިންޑިއާގެ ފިލްމީ ޖަމާއަތަކުން ރަސްމީކޮށް ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި ނެރުނު ފުރަތަމަ ބަޔާނެވެ.