އަންނަ އެޕްރީލް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލަސްވިޔަސް" ގެ ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.
އެ ވާހަކަ ފިލްމުގެ އިންސްޓަގްރާމް އެކައުންޓްގައި ވެސް ހިއްސާކޮށް، ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.
"ލަސްވިޔަސް" އަކީ 1994 ގައި "ދެރިޔާ" ގެނެސްދިން މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމެވެ. ކެންސަރާ ހަނަގުރާކުރާ ކުޑަ އަންހެން ކުއްޖަކަށް ބިނާކޮށް ގެނެސްދޭ ފިލްމުގެ ޝޫޓިން ފެށީ 2022 ގެ މާޗްގަ އެވެ. "ލަސްވިޔަސް" އަކީ 2017 ގައި އިއުލާންކުރ ފިލްމެކެވެ. އޭރު ނިންމީ 2018 ފައި ފިލްމު ގެނެސްދޭށެވެ.
ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ފެށުން ލަސްވީ ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.
މި އަހަރުގެ އެޕްރީލް 12 ގައި "ލަސްވިޔަސް" ޕްރީމިއާކުރާނެކަން އިއުލާންކޮށް، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދާދި އާންމުކޮށްފައިވެ އެވެ. މީގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު)، ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ.