ނަމާ ނުލައި މިދިޔަ އަހަރު ފަސްޓްލުކް ޕޯސްޓަރު ދައްކައިލި ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދި ކަޕޫރާއި ކްރިތީ ސެނަންގެ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ މި ރޮބޮޓިކް ލަވް ސްޓޯރީގެ ނަން އިއުލާންކުރީ އާ ޕޯސްޓަރަކާ ވެސް އެކީގަ އެވެ. އެގޮތުން އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ނަމަކީ "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.
މި ފިލްމަކީ ޝާހިދާއި ކްރިތީގެ ޖޯޑު ބޮޑު ސްކްރީނުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ތަފާތު ލޯބީގެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަމިތު ޖޯޝީ އާއި އަރާދަނާ ސާހެވެ.
"ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.