Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ގަން އެއާޕޯޓްގެ ތަރައްގީ ކުރިއަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ އެއާޕޯޓް ހިންގަމުން އަންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއަައިއޭ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ފިޔަވައި، ތަރައްގީގެ ޕްލޭނުގައި ހިމެނޭ މައިގަނޑު ހުރިހާ ކަންކަމަކާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ވެސް މޮބިލައިޒްކޮށް، އެކިއެކި މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ތެރޭގައި ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން މަގުތައް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ.

އެގޮތުން ކޮންޓްރޯލް ޓަވަރާއި ފަޔަ ސްޓޭޝަން އަދި އެޑްމިން އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ އިރު، އެއާޕޯޓްގެ ޖެޓީ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިންމައިފަ އެވެ. އަދި ބޭރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ދެހާސް ފަންސަވީހަށް ނިންމަން ހަމަޖެހިފައި މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މިދިޔަ އަހަރުޖެ ޖޫން 4 ގަ އެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏެވެ. މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިިލިއަން މީހުންނަށް ދުމަތްދެވޭ ގޮތަށެވެ.