Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ރައީސް ޗައިނާގެ ސްޓޭޓް ކައުންސިލްގެ ޕްރިމީއާއާ ބައްދަލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ލީ ޗިއާންގ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ. ރައީސް އޮފީހުން ބުނެފައިވަނީ ރައީސް މުއިއްޒު އަދި ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް ފައްޓަވަން ނިންމަވާފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުންނާއި އީ-ކޮމަރސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްސަކޮށް ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުއާއި، މިނޫންވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ އިތުރު މަޝްރޫޢުތަކުގައި އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ހުށަހެޅުއްވިއެވެ. އެގޮތުން ސްކޮލަރޝިޕް ފުރުސަތުތަކާއި، ފަންނީ ދާއިރާތަކުން އަމަލީ ތަމްރީނުގެ ފުރުސަތުތަކާއި، އެކި ކުޅިވަރުތަކުގެ ތަމްރީނުގެ ފުރުސަތުތަކާއި، މަސްވެރިކަމުގެ ދާއިރާއާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޤުދުރަތީ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، މެޓްރޮލޮޖިކަލް ޓެކްނޮލޮޖީއާއި އަދި މިނޫންވެސް އެކި ދާއިރާތަކުން ގުޅުންބަދަހިކުރުން ހިމެނެއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށާއި، އެމަނިކުފާނުގެ ރިޔާސީ ޒައާމަތުގައި ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.